މިފްކޯ

ކޫއްޑޫއަށް ކިރަން 900 ޓަނުގެ މަސް އެބަހުރި: މިފްކޯ

Apr 13, 2022

ކޫއްޑޫ ބަނދަރުގައި ކިޔުގައި އޮތް މަސް ދޯނިތަކުން ބާނާފައިވާ ހުރިހާ މަހެއް ގަންނަން ފެށިއިރު އެ ހުރިހާ ދޯނިތަކުގައި ގާތްގަނޑަކަށް 900 ޓަނުގެ މަސް ހުރި ކަމަށް މިފްކޯ އިން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ ކޫއްޑޫ ބަނދަރުގައި އޮތް ހުރިހާ ދޯންޏެއްގެ މަސް ގަންނަން ނިންމިއިރު ކިޔުގައި 63 ދޯނި އޮތް ކަމަށާއި އެ ހުރިހާ ދޯންޏެއްގެ މަސް ގަނެ ނިމޭއިރު 900 ޓަނުގެ މަސް ގަނެވޭނެ ކަމަށެވެ.

ކޫއްޑޫ ބަނދަރަށް މަސް ގަތުމުގައި ބާރު ބޮޑުވެފައިވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ގަންނަން ލިބުމުންނެވެ.

މިފްކޯ އަށް ބާރު ބޮޑުވުމާ ގުޅިގެން އެ ކުންފުނިން ވަނީ ދޯންޏަކުން ފަސް ޓަނުގެ މަހަށް ވުރެ އިތުރަށް ނުގަތުމަށް މިވަގުތަށް ނިންމާފަ އެވެ. މިފްކޯ އިން އެގޮތަށް ނިންމުމާ ގުޅިގެން ކޫއްޑޫ ބަނދަރުގައި މަސް ކިރަން ކިޔުގައި ތިބި ދޯނިތަކުގެ މަސްވެރިން އިއްޔެ ވަނީ އެކަމާ ދެކޮޅަށް އިހްތިޖާޖުކޮށް ކޫއްޑޫގައި މިފްކޯ އިން ހިންގާ އޮޕަރޭޝަން ހުއްޓުމަކަށް ގެނެސްފަ އެވެ.

މަސްވެރިންގެ އިހްތިޖާޖާ ގުޅިގެން މިފްކޯ އިން ރޭ ވަނީ ކޫއްޑޫ ބަނދަރުގައި ރެއާ ހަމައަށް އޮތް ހުރިހާ ދޯންޏަކުން ބާނާފައިވާ ހުރިހާ މަހެއް ގަތުމަށް ނިންމާފަ އެވެ. އެ ނިންމުމާ އެއްގޮތަށް މަސް ކިރަމުންދާ ކަމަށާއި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުރިހާ ދޯންޏެއްގެ މަސް ކިރާ ނިންމާލެވޭނެ ކަމުގައި އިސްމާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދަތިތަކެއް ހުރި ނަމަވެސް މި ދެންނެވި މުއްދަތަށް ކިޔޫގައި ހުރި ދޯނިތައް ކްލިއާ ކޮށްލެވޭނެ. ކެޕޭސިޓީ އިތުރުކޮށް މަސްވެރިންނަށް ފަސޭހަކޮށް ހިދުމަތް ދިނުމަށް އަޅުގަނޑުމެން އަބަދުވެސް އިސްކަން ދެން،" އިސްމާއިލް ވިދާޅުވި އެވެ.

ކެޕޭސިޓީ ނެތިގެން މަސް ގަތުން ކޮންޓްރޯލް ކުރުމަށްފަހު އަލުން މަސް ގަންނަން ފެށީ ކެޕެސިޓީ އަށް ކޮން ބަދަލެއް ގެނެސްގެންތޯ އެހުމުން އިސްމާއިލް ވިދާޅުވީ ކޫއްޑޫ ބަނދަރުގައި މިވަގުތު އޮތް ދޯނިތަކުގައި ހުރި ހުރިހާ މަހެއް ކިރާ ނިމެންދެން އިތުރު ދޯންޏަކަށް ކިޔު ނަންބަރު ދޫނުކުރާ ކަމަށެވެ. އަދި ކިޔުގައިވާ ދޯނިތަކުގައި ހުރި މަސްތައް ކިރަނީ ކޮންމެ ދުވަހަކަށް މިފްކޯގެ ކެޕޭސިޓީގައި މަސް ފިނިކުރެވޭނެ ގޮތް ބަލައިގެން ވަކި ގޮތަކަށް އެ އަދަދުތައް ދުވަސްތަކަކަށް ބަހާލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވިއިރު މިފްކޯ އަށް އެ ސަރަހައްދުގައި މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީ އަކީ ގާތްގަނޑަކަށް 490 ޓަނެވެ. އެއީ ކޫއްޑޫގައި ހުރި 240 ޓަނާއި، އައްޑޫގައި ހުރި 60 ޓަނާއި، ޖަޒީރާ 102 ބޯޓުގައި ހުރި 120 ޓަނާއި، މަހާކަލަމިންޖާ ބޯޓުގައި ހުރި 70 ޓަނުގެ ކެޕޭސިޓީ އެވެ.

މިފްކޯ އަށް ގަންނަ މަހުގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު މަސްވެރިންނަށް ދޫކުރަމުންދާ ކަމަށްވެސް އިސްމާއީލް މައުލޫމާތު ދެއްވާފައިވެ އެެވެ.