މީ އާންމު ދިރިއުޅުމުގައި އަބަދު ވެސް އިވޭ އަޑުތަކެކެވެ؛ މިއަދު ބިޒީ، ވަގުތެއް ނުވާނެ! މިއަދު އަދި އެބަހުރި ލައްކަ ގިނަ ކަންތައް ކުރަން! ނިދޭއިރު ހުންނަނީ ދަންވެފައި ދެން ކިހިނެއް ތިބުނާ ވަގުތެއް ހޯދާނީ! ކުދިންގެ ކަންތައްތަކާއި ފިރި މީހާ ގެއަށް އަންނަންވާ އިރަށް ނުކުރެވި ހުރި ކަންތަކެވެ. ހުންނަނީ ހުސް އެހެންމީހުންގެ ކަންތަކަށް އިސްކަން ދިނުމެވެ. އަމިއްލަ ނަފްސަށް ދޭ ވަގުތު ކޮބައި ހެއްޔެވެ؟ ނެތެއެވެ. ވަގުތެއް ނުވެ އެވެ. އެހެން ހުރިހާ ކަމެއް ކުރަން ހުއްޓާ އަމިއްލަ ނަފުސަށް ވަގުތެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ނުވާނެ އެވެ. ނޫނެކެވެ. ވާނެއެވެ. ވަގުތަކީ ހޯދުމުން ލިބޭ އެއްޗެކެވެ.
ބޭރަށް ނުކުމެވޭ ފަހަރަކު ވެސް ގިނައިން އާދެވޭނީ އެހެން މީހުނަށް ބޭނުން ވާނެ އެއްޗެއް ހޯދައިގެން / ގަނެގެންނެވެ. އަމިއްލަ މީހާ އުފާ ކޮށްލަން ގަނެލާ ޗޮކްލެޓަކާ ހަމައަށް ދާން ވެސް ދެވަނަ ތިން ވަނަ ވިސްނުމަކަށް ދެވެ އެވެ. ދެން ފަހަރަކުން ގަންނާނީއޭ ހިތައި އަމިއްލަ މީހާގެ ނަފުސަށް ހަދަނީ ދޮގެވެ. އެހެން ކަންތައް ކުރާކަށް ނުޖެހެ އެވެ.
މި ކަމުގައި މީހުން ދެކޭ ގޮތް މުހިންމެއް ނޫނެވެ. ނަމަވެސް އަމިއްލަ ނަފްސާ ސުވާލު ކޮށްލައި ހެދުން މާ ރަނގަޅެވެ. ލޯގަނޑެއް ކުރިމައްޗައް ހުޓި ސުވާލު ކޮށްލާށެވެ. މި އުޅެވެނީ އުފަލުގައި ހެއްޔެވެ؟ ތީރިވެލައި ނަލަވަނީ ބޭނުން ގޮތަކަށް ހެއްޔެވެ؟ ހެދުން އެޅުމުގެ ސްޓައިލް އާއި އަރާ ފައިވާން ނޫނީ ބޫޓް އެއީ އަމިއްލަ އިހްތިޔާރުން ގަނެފައިވާ ތަކެތިތޯ ސުވާލު ކޮށްލާށެވެ. އޭގެ ޖަވަބަކީ ނޫން ކަމަށް ވަންޏާ މިއަދުން ފެށިގެން އެއާދަ ކަނޑުވާލަށެވެ.
ކުދިން ކިތަންމެ ގިނަޔަސް ހަފުތާޔަކު މަދު ވެގެން ތިން ފަހަރަށް އަމިއްލަ ނަފްސަަށް ވަގުތު ކޮޅެއް ހުސްކޮށްލައި ދޭން ވާނެ އެވެ. ބޭރަށް ދާހިތްނުވާ މީހެއް ނަމަ މީރު ކާ އެއްޗެއް އޯޑަރު ކޮށްގެން ގެނެސް ކާލެވިދާނެ އެވެ. ކުދިންނަށް ނުދީ ކާން ނުކެރޭނެ ކަމެއް ވެސް ނެތެވެ. އެއީ ގިނައިން ގަނެ ހެދޭނީ ކުދިންނަށް މީރުވާ އެއްޗެއްސެވެ. މަހަކު ދެފަހަރު އަމިއްލަޔައް މީރު ކާ އެއްޗެއް ގަނެގެން ކާލުމަކުން އެއީ ގޯސް މީހެކޭ ނުބުނެވޭނެ އެވެ. އެހެން މީހުން ބެލުމުގެ އިތުރުން ތިމާ މީހާ ނަފުސު އަމިއްލައަށް ބެލެހެއްޓުން ވެސް އެއީ މުހިންމު އަދި އޮތް ޒިންމާއެކެވެ.
ކުދިންގެ ކަންކަން ނިމުމުން ބޭރަށް ގޮސް ރައްޓެހިންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލެވިދާނެ އެވެ. ރައްޓެހިންނާއެކު ދާހިތް ނުވާނަމަ، އެކަނި ކޮންމެވެސް އެއްޗެއް ގަނެލައިގެން އިދެ ބީޗް ކަހަލަ މަހައުލެއްގައި ވެސް ވަގުތު ހޭދަ ކޮށްލެވިދާނެ އެވެ.
މޫނުމަތީގެ ތާޒާކަން ދަމަހައްޓަން ސެލޫންއަކުން ފޭޝަލް އެއް ހަދާލެވި ދާނެ އެވެ. އެވަރަށް ނުލިބޭނަމަ ހާސްވާކަށް ނުޖެހެ އެވެ. ގޭތެރެއިން ލިބެން ހުންނަ ތަކެތިން ވެސް އަމިއްލައަށް ފޭސް ޕެކްއެއް ތައްޔާރުކޮށް ލައިގެން ބޭނުން ކުރެވިދާނެ އެވެ. އެލޯވެރާ ކަހަލަ ގަހެއް ގޭގައި ހުންނަނަމަ މީ ހާސްވާން ޖެހޭ ވަރުގެ ކަންތަކެއް ވެސް ނޫނެވެ. ބޭނުންވަނީ އެހެންމީހުން ބަލަހައްޓައި ދޭހެން އަމިއްލަ ނަފްސު އުފާ ކޮށްގެން ގެންގުޅުމެވެ.