- ބްރިޖާ މެދު އޮތީ ފޮނި އިންތިޒާރެއް
- ތަރައްގީގެ ހުރަސްތައް ނެތިގެން ދާނެ
- އާންމުން ކުރާ ހަރަދު ކުޑަވާނެ
ހުޅުލެ- މާލެއާ ދެމެދު އަޅާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އާއެކު ދިވެހިންގެ ދިރިއުޅުމުގެ ހާލަތާއި ވިސްނުން ބަދަލުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނާން ޕްރޮވިންސުގެ ވައިސް ގަވަނަރު ލިއު ހުއިޔަންއާ އެކު ރައީސް ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ރައީސް ވަނީ، ޗައިނާގެ ޔުއާންގައި ހަދާ ރާއްޖޭގެ އޮފީހާއި، އެކްސްޕޯ މޯލްޑިވްސްގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.
ބްރިޖާ ބެހޭ ގޮތުން ރައީސް ޔާމިން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުގެ ސަބަބުން ތަރައްގީއަށް އެޅޭ ހުރަސްތައް، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ސަބަބުން ނެތިގެންދާނެ ކަމަށެވެ. އަދި އާންމު ރައްޔިތުން ކުރަންޖެހޭ ހަރަދުތައް ކުޑަ ވެގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި މާލެއާ ހުޅުމާލެ ދެމެދު އަޅާ ބްރިޖުގެ ސަބަބުން ދިވެހިންގެ ހާލަތާއި ވިސްން ބަދަލު ވާނެ ކަމަށް ރައީސް ލިއު ހުއިޔަން އަރިހު ވިދާޅުވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
".. އެހެން ކަމުން މިމަހުގެ 30 ވަނަ ދުވަހު ފެށިގެންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ފޮނި އުންމީދާ އެކު އިންތިޒާރު ކުރަން،" ރައީސް ޔާމިން ވިދާޅުވި ކަމަށް ރައީސް އޮފީހުގައިވެ އެވެ.
ލިއު ހުއިޔަންއާއެކު ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދު ކުރިއެރުވުމުގެ ގޮތުން ޔޫނާންގައި އޮފީހެއް ހުޅުވުމުގެ ފައިދާ ތަކާއި އަދި އެކަމުގެ ސަބަބުން ދެގައުމު ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި އިކޮނޮމިކްމިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މުހަންމަދު ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.