އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ އެޅުމުގެ ސިޔާސަތުގެ ދަށުން މަސައްކަތް ފަށާނެ ދުވަހެއް އޮޅުންފިލުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
މިނިސްޓަރު އަމީރުއާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ މިނިސްޓަރު އަމީރު ނިސްބަތްވާ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު އެވެ.
މެންބަރުގެ ސުވާލުގައި ބުނެފައިވަނީ ގޭދޮށު މަސް ފެކްޓަރީ އަޅައި ހިންގުމަކީ މިނިސްޓަރު އަމީރު ނިސްބަތްވާ އެމްޑީޕީގެ ވައުދު ނާމާގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް ހިމަނައި ބަލައިގަނެފައިވާ ކަމެއް ކަމަށެވެ.
ގައްދޫ ކައުންސިލުން ކުރި ބިޑެއްގައި ބޭރުގެ ފަރާތަކުން ކައުންސިލާ އެކު ގޭދޮށު މަސް ފެކްޓަރީއެއް ހިންގަން ތައްޔާރުވެ ތިބި ކަމަށް އެފަރާތުން ބުނާ ކަމަށްވެސް ސުވާލުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެކަން ވިޔަ ނުދީ ސަރުކާރުން ހިފަހައްޓާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެހެންވެ އެކަމުގެ ސަބަބު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ.
މަސް ފެކްޓަރީ އެޅުމުގެ ސިޔާސަތު ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވަން ގަސްދު ކުރައްވަންތޯ ވެސް އައްސަވާފައިވެ އެވެ.
ގޭދޮށު މަސް ފެކްޓަރީ އެޅުން ލަސްވާތީ އެކަމާ ގުޅޭ ގަރާރެއް ވެސް މީގެކުރިން މަޖިލީހަށް ހުށަހަޅައި މެންބަރުން އެ ގަރާރަށް ބަހުސްކޮށްފައިވެ އެެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ހުއްދަތައް ދިނުން ލަސްވާތީ އެ ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި އާންމު މެންބަރުން ވެސް ސަރުކާރަށް ފާޑުކިޔަ އެވެ.