މަސްވެރިން

މަސް ގަންނަ އަގު ދަށްކުރަން ތައްޔާރުވަނީ

މިފްކޯއަށް މަސް ގަންނަ އަގު ދަށްކުރުމަށް މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުން މި މައުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ހާޒިރުވެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ކުރެއްވި ސުވާލެއްގެ ޖަވާބު ގައެވެ.

ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި ލިޔުންތަކާ ހަވާލާދީ ނާޒިމު ވިދާޅުވީ މިފްކޯއަށް މަސް ގަންނަ އަގު ދަށްކުރުމަށްފަހު އެ އަގަށް މަސް ގަންނަން ނިންމާފައިވަނީ ކުރިއަށް އޮތް ޖުލައި 26ގެ ކުރިން ކަމަށެވެ.

އެކަމަކު އެއީ މިހާރުވެސް ކުރެވޭނެ ކަމެއް ކަމަށް ނާޒިމު ވިދާޅުވުމުން ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސް ގަންނަ އަގު ދަށްކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

"އެ އާޖެންސީ އެބަހުރި އަޅުގަނޑުމެންގެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު މިފްކޯއަށް މަސް ކިލޯއެއް ގަންނަ އެންމެ ދަށް އަގެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ 25 ރުފިޔާ އެވެ. ނަމަވެސް މިސަރުކާރުން ވަނީ އެއީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ދަށްކޮށްފަ އެވެ.

މިފްކޯއަށް މަސް ގަތުމަށްފަހު މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ ބޮޑުވެފައިވާއިރު މިފްކޯގެ ދަރަނި 1.2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި މިފްކޯއަށް ސަބްސިޑީގެ ގޮތުގައި 415 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިމަހުގެ 24 ވަނަ ދުވަހު ވިދާޅުވި ގޮތުގައި މިއަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ވަނީ 270 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އަދި އެއީ އަބަދު މިފްކޯ ހިންގޭނެ ގޮތް ނޫން ކަމަށްވާތީ ސަބްސިޑީއާ ނުލައި ހިންގޭނެ ކުންފުންޏަކަށް މިފްކޯ ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.