އެމްޑީޕީ

މަސްވެރިންގެ ހައްގުގައި ހުރިހާ މަސައްކަތްތެރިން މުޒާހަރާކުރަން އެމްޑީޕީން ގޮވާލައިފި

މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ލިބެންވާ ފައިސާ ނުލިބޭތީވެ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިން މަސްވެރިންގެ ހައްގުގައި މުޒާހަރާއަށް ނިކުތުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ގޮވާލައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިކަމަށް ގޮވާލާފައި މިވަނީ އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ހާލަތު ގޯސްވެ ހުޅުމީދޫގައި ހުރި މިފްކޯގެ މަސް ފެކްޓަރީގެ ކޮންޓްރޯލް މަސްވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އެއްވެސް ބަޔަކު ލައްވާ މަސައްކަތެއް ކުރުވުމަށްފަހު ސަރުކާރުން ފައިސާ ނުދޭނަމަ ފައިސާ ހޯދުމަކީ އެ މަސައްކަތެއް ކުރި ބައެއްގެ ހައްގެއް ކަމަށެވެ. އެހެންކަމުން މިވަގުތު ފައިސާ ނުދީގެން މުޒާހަރާކުރަނީ މަސްވެރިން ކަމަށްވާތީ އެމީހުންގެ ހައްގުގައި ހުރިހާ މަސައްކަތްތެރިން ތެދުވުމަށް މައުރޫފް ގޮވާލެއްވި އެވެ.

"އާދެ އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް މިދަންނަވަނީ މަސައްކަތް ކޮށްފައި މަސައްކަތުގެ އުޖޫރަ ނުލިބޭ ކަމަށްވާނަމަ އެ ހޯދުމަށްޓަކައި އެންމެހާ މަސައްކަތްތެރިން މުޒާހަރާކޮށްގެންވެސް ހޯދަންޖެހޭ. އަދި ހުރިހާ މަސްވެރިން އެކުގައި ނިކުމެގެންވެސް މަސްވެރިންގެ ނުލިބިވާ ފައިސާ ހޯދުން އެއީ ވަރަށް މުހިއްމު ކަމެކޭ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ މަސްވެރިން މުޒާހަރާ ކުރަނީ ގާތްގަނޑަކަށް 13 ވަރަކަށް މިލިއަން ރުފިޔާ ހޯދަން ކަމަށެވެ. ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ވަކިން ހާއްސަކޮށް ސިޔާސީ މަގާމުތަކަށް ކުރާ ބޭކާރު ހަރަދުތައް ހުއްޓާލައިގެން އެކަނިވެސް މަސްވެރިންނަށް ފައިސާ ދެވޭނެ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ރާއްޖޭގެ މަސްވެރިންގެ ހައްގުގައި އެމްޑީޕީން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ފެށުމާ އެކު އެމްޑީޕީން މަސްވެރިންގެ ހައްގުގައި ކުރާ މަސައްކަތްތައް ފެނިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މަސްވެރިންގެ މުޒާހަރާ ހުއްޓުވަން ސަރުކާރުން އަންގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

"އެހެންވީމާ ހަމަ އަޅުގަނޑު ދަންނަވާލަން އޮތީ ފުލުހުންނާއި ސިފައިންވެސް މަސްވެރިން ހައްގުގައި ކުރާ މުޒާހަރާއަށް ހުރަސް ނާޅުއްވާށޭ. އެހެން އެގޮތަށް ނުކުރައްވާށޭ،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ރާއްޖޭގެ މަސްވެރިން މިއަދު އެ ތިބި ހާލަަށް ދުވަހަކުވެސް ގޮސްފައި ނުވާ ކަމަށާއި އެއީ މިސަރުކާރުގެ ވަރަށް ބޮޑު އިހްމާލެއް ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި މަސްވެރިކަމާ ގުޅޭ ވަޒީރު އަހްމަދު ޝިޔާމު އުޅުއްވަނީ މަސްވެރިންނަށް ފިއްލަވައިގެން ކަމަށް ދޭހަވާ ގޮތަށްވެސް ނާޒިލް ވަނީ ވާހަކަދައްކަވާފަ އެވެ.

އައްޑޫގައި އިހްތިޖާޖު ކުރާ މަސްވެރިން ބުނާ ގޮތުގައި އެ މީހުންނަށް ފައިސާ ނުދޭތާ ދެ މަސް ވެއްޖެ އެވެ. އަދި ގާތްގަނޑަކަށް މަސްވެރިންނަށް 80 މިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށްވެސް އެ މީހުން ދަނީ ބުނަމުންނެވެ.

މަސްވެރިންނަށް މިދިޔަ ހަފްތާގެ މިފްކޯ އިން ޖަމާކޮށްދޭން ބުނި 46 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށްވެސް މަސްވެރިން ބުނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ މެއި މަހުގެ 19 ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެފައިވެ އެވެ.

ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.