މާލެ، ހުޅުލެ އަދި ހުޅުމާލެ އަށް ހިދުމަތް ދިނުމަށް ސްޓްލްކޯ އިން ބޭނުންކުރާ ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.
ގްރިޑްގެ ހިދުމަތް މިއަދު މެންދުރުކުރީގެ ވަގުތެއްގައި މެދުކެނޑުނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމުން ކަމަށެވެ.
ސްޓެލްކޯގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލަ ހައްލުކޮށް އޮޕަރޭޝަނަށް ގެނެވި ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓް ދީފައިވާ ކަމަށެވެ. އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް ނުލިބޭނަމަ ސްޓެލްކޯ އަށް ގުޅުމަށްވެސް އެކުންފުނިން އެދެ އެވެ.
މާލެ- ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައި އެ ވިއުގައި ހިދުމަތް ދޭން ފެށީ މިދިޔަ އަހަރު ޖުލައިގަ އެވެ.
މާލެއާއި ހުޅުލެ އަދި ހުޅުމާލެ އަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ މައި އިންޖީނުގެއެއްގެ ގޮތުގައި މިހާރު ބޭނުންކުރަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އައު އިންޖީނުގެ އެވެ.