ޗެމްޕިއަން އަފްގާނިސްތާން އަތުން 4-1 އިން މިރޭ ބަލިވެ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މުބާރާތް ބާއްވާ އިންޑިޔާއާ ދެކޮޅަށް ކުޅެން ރާއްޖެ އަށް ޖެހިއްޖެ އެވެ.
ސެމީ ފައިނަލަށް ހޮވިފައި އޮތުމުން ދެ ޓީމުގެ ވެސް މުހިންމު ކުޅުންތެރިން ނުލައި ފެށި މެޗުގެ ނަތީޖާގެ ސަަބަބުން ރާއްޖެ އަށް ލިބިފައިވަނީ ގްރޫޕް ބީގެ ދެ ވަނަ އެވެ. ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އެއްވަނަ ލިބުނީ އަފްގާނިސްތާނަށެވެ. އަދި މިއީ 2005 ވަނަ އަހަރު މި މުބާރާތުގައި ވާދަކުރަން ފެށި އަފްގާނިސްތާން އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.
މިއަދުގެ މެޗުގެ 20 ވަނަ މިނިޓްގައި ފައިސަލް ޝަޔޭޝޭ ގޯލު ޖަހައި އަފްގާނިސްތާން ލީޑު ހޯދި ނަމަވެސް އޭގެ 12 މިނިޓް ފަހުން ރާއްޖެއިން އަލީ ފާސިރު (ސެންޓޭ) ރީތި ގޯލެއް ޖަހައި ނަތީޖާ ހަމަަހަމަކޮށްދިނެވެ. އެކަމަކު ރާއްޖޭގެ ފަހަތުން ހެދި ގޯސްތަކާއެކު ލިބުނު ހިލޭ ޖެހުމަކުން 32 ވަނަ މިނިޓްގައި އަފްގާނިސްތާނުގެ އޮމިދް ޕޮޕަލްޒާއީ އަނެއްކާ ވެސް ލީޑު ހޯދި އެވެ.
ރާއްޖޭގެ ފަހު ތިން ގޯލުގައި ވެސް ކީޕަރު އިމްރާނުގެ މިސްޓޭކް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ހާއްސަކޮށް ހަތަރު ލަނޑު ޖެހުމުން އޭނާގެ ކޮންސަންޓްރޭޝަން މުޅީން ގެއްލުނެވެ. އޭގެ ތެރެއިން އެއް ފަހަރު އަފްގާން ކުޅުންތެރިން މަޑުމަޑުން ޖެހި ބޯޅައެއް ފުރޮޅިފައި ދަނިކޮށް އިމްރާނުގެ އަތުގައި ޖެހިފައި ގޯލަށް ނުވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
އަފްގާނިސްތާނުގެ ތިން ވަނަ ލަނޑު ޖެހީ 51 ވަނަ މިނިޓްގައި އަހުމަދު އަޝްރަފް ހާތިފީ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ހަތަރު ވަނަ ލަނޑު ޖެހީ ދެ ވަނަ ލަނޑު ޖެހި ޕޮޕަލްޒާއީ އެވެ.
ނަމަވެސް މި މެޗުގައި ވެސް ރާްއްޖޭގެ ޒުވާން ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް ކުރިއަށް ކުޅުނު ސްޕީޑް އަވަސް ކުޅުންތެރިން ކަމަށްވާ ސެންޓޭ އާއި އަހުމަދު ނާޝިދު (ނާއްޓޭ) އަދި ހަސަން ނާއިޒާއި އިސްމާއީލް އީސާ (މެސީ)ގެ ކުޅުން ފާހަގަ ކުރެވުނެވެ.
މުބާރާތުގެ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި ރާއްޖެ އާއި އިންޑިޔާ ބައްދަލުކުރާނީ ބުރާސްފަތި ހަވީރު އެވެ. އަފްގާނިސްތާނާއި ސްރީލަންކާ ކުޅޭނީ އެދުވަހު އިރުއޮއްސޭއިރު އެވެ.