ދުނިޔެ

ފަލަސްތީން-އިޒްރޭލް މަޝްރަހު އަނެއްކާވެސް ހޫނުވަނީ

އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި އާންމުންނަށް ބަޑިން ހަމަލާދީ މި ރޯދަ މަހު ވެސް އެތައް ބަޔަކު ވަނީ މަރާފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

މަސްޖިދުލް އަޤްސާއަށް ނަމާދުކުރަން ދާ ފަލަސްތީން އާންމުންނަށް ޖެއްސުން ކުރުމާއި ދަތިކުރުން ކޮންމެ ރޯދަ މަހަކު އިޒްރޭލު ސިފައިން ވަރަށް ފަރުވާތެރިކަމާއެކު ރާވައިގެން ކުރިއަށް ގެންދެ އެވެ.

އެއްވެސް ސަބަބެއް ނެތި އަދި ފަލަސްތީން މީހެއްގެ ފަރާތުން ކަމެއް ދިމާނުވި ނަމަވެސް މިސްކިތް ބަންދުކުރުމާއި މިސްކިތަށް ވަންނަ ދޮރުތައް ބަންދު ކުރެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އިޒްރޭލު ސިފައިން މަސްޖިދުލް އަޤްސާއަށް ވަދެ ނަމާދަށް ތިބި މީހުން ފޮނުވާލުމަށް ބާރުގެ ބޭނުން ކުރަމުން އެބަ ގެންދެ އެވެ. ފަލަސްތީން އާންމުންނަށް ސްޓަން ގްރޭނޭޑުން ހަމަލާ ދެމުން ދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ފަލަސްތީން އޮންލައިން ނޫސްތައް ބުނާ ގޮތުން އަޤްސާ މިސްކިތުގެ ނަމާދު ހޯލަށް އިޒްރޭލު ސިފައިން ކަރުނަ ގޭސް ވަނީ ޖަހާފަ އެވެ. ސިފައިން ފުރަމަތަ ހޯލަށް ވަނީ ޔަހޫދީ އާންމުން އަޅުކަން ކުރުމަށް ކަމަށް ބުނެ އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަން ފެށުމުންނެވެ.

އެ ސަރަހައްދުން އިންޓަނެޓަށް ލީކުކޮށްފައި ހުރި ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި ފަލަސްތީން އާންމުން ވެސް ޖެހުނު އެއްޗެއް އުކަމުން އެބަ ގެންދެ އެވެ. ކުދިގާ އުކުމާއި އަލިފާން ބޯޅަ އުކާތަން ވެސް ފެނެ އެވެ.

އެހެން ނަމަވެސް އަލިފާން ބޯޅަ އުކަނީ ކޮން ބައެއްކަން ސާފެއް ނުވެ އެވެ.

އީރާންގެ ރަސްމީ ޓީވީ ޗެނަލުން ބުނި ގޮތުން މަސްޖިދުލް އަޤްސާއަށް އިޒްރޭލު ސިފައިން ވަދެގަނެ އާންމުން ކޮއްޕައި ފައިން ތެޅުމުގެ ސަބަބުން 17 މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

ގުދުސްގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓްގެ އޮފިޝަލަކު ބުނި ގޮތުގައި އަނިޔާ ލިބިގެން މިސްކިތުން ނެރުނު މީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.