މިފްކޯ

އަހަރެއްގެ މައްޗަށް ރާއްޖޭން މަސް އެކްސްޕޯޓް ކުރަން 12 ބޯޓު ގެނެވޭ

ކޫއްޑޫން މަސް ބަރުކުރަން 12 ދުވަސް ނަގާ ކަމަށާއި ރާއްޖޭން މަސް އެކްސްޕޯޓް ކުރަންވެސް އަހަރެއްގެ މައްޗަށް 12 ކެރިއަރު -- މަސް ގެންދާ ބޯޓު -- ހަރަކާތްތެރިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ ކޫއްޑޫގައި ފްރީޒިން ކެޕޭސިޓީ ހުންނަނީ 2،000 ޓަނު ކަމަށެވެ.

މިހާރު މަސް ބާނާ ގޮތަށް މަސް ނަގާނަމަ ދެ ތިން ދުވަހުގެ ތެރޭގައި މުޅި ކޫއްޑޫ ފުރިގެންދާނެ އެވެ. އެހެންވެ އެކަން ހައްލު ކުރަން އަބަދު ވެސް މަސްވެރިކަމުގެ ސީޒަންގައި މަސް އުފުލާ ބޯޓެއް ކުއްޔަށް ގެންނަމުންދެ އެވެ. އެ އުސޫލުން މިހާރު ވެސް ތައިލެންޑާއި ރާއްޖެއާ ދެމެދު މަސް އުފުލާ ބޯޓު ފަހަރު ދަތުރު ކުރަމުންދާ ކަމަށާ އަހަރަކަށް ބަލާނަމަ 12 ބޯޓު އެގޮތަށް ގެނެސް ބޭނުން ކުރަން ޖެހޭ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"އަބަދު ވެސް މަސް ކިރަމުންދާ ވަރަކަށް ބްރެއިން [މަސް އެކްސްޕޯޓް ޓެމްޕަރޭޗާއަށް ގެންދަން ލާ ކޮށާރު] ގައި ބަހައްޓާފައި ފްރީޒިންގައި ވަގުތު ކޮޅެއް ދޭން ޖެހޭ [މަހުގެ މައި ބަދަ] ވަކި ޓެމްޕަރޭޗާ އަކަށް ގެންނަން. އެކަމަކު މިހާރު ވާގޮތަކީ ޑެއިލީ ލޯޑް މައްޗަށްދާ ވަރަކަށް ބްރެއިން ފުލްވެ ލޯޑު މަތިވަނީ. އެހެންވެ ކެރިއަރު [މަސް އެކްސްޕޯޓް ކުރާ ބޯޓު ފަހަރު] ފުލުފުލުގައި ގެންނަމުން މިދަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އަބަދު ވެސް މަސް ކިރަމުންދާ ވަރަކަށް ބްރެއިން [މަސް އެކްސްޕޯޓް ޓެމްޕަރޭޗާއަށް ގެންދަން ލާ ކޮށާރު] ގައި ބަހައްޓާފައި ފްރީޒިންގައި ވަގުތު ކޮޅެއް ދޭން ޖެހޭ [މަހުގެ މައި ބަދަ] ވަކި ޓެމްޕަރޭޗާ އަކަށް ގެންނަން. އެކަމަކު މިހާރު ވާގޮތަކީ ޑެއިލީ ލޯޑް މައްޗަށްދާ ވަރަކަށް ބްރެއިން ފުލްވެ ލޯޑު މަތިވަނީ
އިސްމާއިލް ފައުޒީ | މިފްކޯ އެމްޑީ

މިފްކޯ އިން ވަނީ ބްރެއިންގެ ކެޕޭސިޓީ ފުލްވެ ކޮށިއަރާ މައްސަލަ ހައްލު ކުރުމަަށްޓަކައި ކެޕޭސިޓީ އިތުރު ކުރަން ފައިނޭންސް ހޯދަން ފަށާފަ އެވެ.

ބްރެއިން ކެޕޭސިޓީ ބޮޑު ކުރަނީ

އިސްމާއިލް ވިދާޅުވީ މިހާރު ކޫއްޑޫގައި ކެޕޭސިޓީ ނެތުމުން މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ޕްރެޝަރުގައި ކަމަށެވެ. އެހެންވެ ސައޫދީ ފަންޑުގެ މަޝްރޫއުގެ އިތުރުން މިހާރުން މިހާރަށް ބްރެއިންގެ ކެޕޭސިޓީ 700 ޓަނަށް ގެންނަން ފައިނޭންސް ހޯދަމުންދާ ކަމަށެވެ.

"މައްސަލައަކީ ބްރެއިންގައި ޖާގަ ނެތުން. ކޫއްޑޫގައި އިތުރު ބްރެއިންތަކުގެ ޖާގަ އިތުރު ކުރަން މަސައްކަތް ކުރަމުން ދަނީ. ޖާގައާއެކު އުންމީދު ކުރަނީ 600 ނޫނީ 700 ޓަނަށް އިތުރު ކުރުން،" އިސްމާއިލް ވިދާޅުވި އެވެ.

"ފައިނޭންސް ލިބުނުހާ އަވަހަށް އެ މަސައްކަތް މިހާރުން މިހާރަށް ފެށިގެންދާނެ."

މަސް ގެންދާ ބޯޓު އަންނަން މަހެއްވޭ

އޭނާ ވިދާޅުވީ ރާއްޖޭން މަސް އެކްސްޕޯޓް ކުރުން ވަރުގަދަ ކުރުމުގެ ގޮތުން މިމަހުގެ 23 ވަނަ ދުވަހު ވެސް 3،000 މެޓްރިކް ޓަނުގެ މަސް އުފުލާ ބޯޓެއް ކޫއްޑޫ ބަނދަރަށް ވަންނާނެ ކަމަށެވެ.

"ޖަޒީރާ ރީފާ ވެސް 2،400 ޓަނު ލޯޑު ކުރަމުންދަނީ. އެއަށް ވެސް މިހާރު ލޯޑު ކުރެވޭނީ 800 ނޫނީ 900 ޓަނު. އެ ބޯޓުވެސް ފުލްވީމަ ނައްޓާލާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖޭން އެންމެ ފުޅާކޮށް މަސް އެކްސްޕޯޓް ކުރާ ތައިލެންޑުގެ ބާޒާރަށް މަސް ގެންނަން މި ބޯޓުތައް ރާއްޖޭން ކުރާ ދަތުރުގައި 10 ދުވަސް ހަރަކާތްތެރިވެ އެވެ.

"ކޫއްޑޫ މަސް ލޯޑު ކުރަން ނަގާނެ 12 ދުވަސް ވަރު ބޯޓެއް. ތައިލެންޑަށް ގޮސް ބޯޓު ހުސް ކުރަން ވެސް ނަގާނެ އެވްރެޖުކޮށް 10 ދުވަސްވަރު. އެހެންވީމަ ސައިކަމެއް [ދަތުރެއް ނިމޭއިރު މަހެއް] ދޭ،" އިސްމާއިލް ވިދާޅުވި އެވެ.

ކުއްޑޫ އިން ހޮނިހިރު ދުވަހާ ހަމަ އަށް 900 ޓަނުގެ މަސް ކިރޭނެ އެވެ. އިއްޔެ ވެސް އެވްރެޖުކޮށް 30 ޓަނުގެ މަސް ބާނާފައިވެ އެވެ.