އެގްރޯ ނޭޝަނަލް ކޯޕަރޭޝަން

އަގު ކޮންޓްރޯލް ކުރަން 120 ޓަނުގެ ކަރާ ބާޒާރަށް

Apr 15, 2022
1

ރޯދަ މަހު ގިނަ އަދަދަކަށް ބާޒާރަށް ކަރާ ނެރެ އަގު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް އެގްރޯނެޓް ކުންފުނިން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫސް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރޯދަ މަސް ނިމުމުގެ ކުރިން ބާޒާރަށް 120 ޓަނުގެ ކަރާ ނެރުން ކަމަށެވެ. ރޯދަ މަހުގެ މިހާތަނަށް 43 ޓަނުގެ ކަރާ މިހާރު ބާޒާރަށް ނެރެވި އަގު މައްޗަށް ދިޔައީ ހިފެހެއްޓުމުގައި އެ ކުންފުންޏަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"މީގެކުރީގެ ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާ ހިސާބުގައި ހުންނާނީ. އެކަމަކު އަޅުގަނޑުމެން ބާޒާރަށް ކަރާ ނެރެ ސީދާ ކޮންސިއުމަރާ ހަވާލުކުރީމާ މިހާރު ކަރާ ކިލޯއެއްގެ އެވްރެޖު އަގު މިއުޅެނީ 25 ރުފިޔާ އަށް ވުރެ މަތި ނުވާ އަގެއްގައި. މިއީ އަޅުގަނޑުމެން ދުރާލާ ކުރި މަސައްކަތުގެ ނަތީޖާ،" ހާރޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏާ އެކު އެއްބަސްވުން ހަދާފައިވާ ދަނޑުވެރިންނާ އެކު ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދުރާލައި މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ކޮވިޑާ އަދި އެހެންވެސް ބައެއް ދަތިތަކާ ގުޅިގެން ރޯދަ އަށް ބާޒާރަށް ބޭނުންވާ ސީދާ އަދަދަށް ކަރާ ނުނެރެވުނަސް އެކަށީގެންވާ އަދަދެއް އުފެއްދިފައިވާ ކަމަށް ވިދާޅުވި އެވެ. ބާޒާރަށް ކަރާ ނެރުމަށްޓަކައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކަރާ އުފައްދާ ތޮއްޑޫ އަދި ކާށިދޫ ދަނޑުވެރިންނާ އެކު އެ ކުންފުނިން ކަރާ އުފެއްދުމުގެ މަސައްކަތް ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ކާށިދޫ އާއި ތޮއްޑޫގެ ދަނޑުވެރިންނަކީ ކަރާ ހެއްދުމުގައި ގިނަ ދުވަސްތަކަކު އުޅެފައިވާ ބަޔަކަށް ވާތީ އެ ބޭފުޅުން އުފައްދާ ކަރަ އަށް މާކެޓް އޮވޭ. އެހެންވެ އަޅުގަނޑުމެން ބޮޑަށް އިސްކަން ދިނީ މާލެއާއި ދުރު ހިސާބުގައިވާ ރަށްތަކުގައި ކަރާ ހައްދާ ދަނޑުވެރިންނަށް މާކެޓް ހޯދައިދޭން،" ހާރޫން ވިދާޅުވި އެވެ.

ހާރޫން ވިދާޅުވީ އެގްރޯނެޓްގެ ތަޖުރިބާއާއި ކުރެވޭ މަސައްކަތްތަކަށް ބަލާއިރު ކުރިއަށް އޮތް ރަމަޟާން މަސް ތަކުގައި ބާޒާރުގައި އަގު އުފުލޭ ބާވަތްތައް އުފައްދައިގެން އަގު ކޮންޓްރޯލް ކުރުމަށް އެ ކުންފުންޏަށް މަސައްކަތް ކުރެވިދާނެ ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާޒާރުގައި އަގު އުފުލޭ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރޯދަ މަސް ނިމުމުގެ ކުރިން ކަރާގެ އިތުރުން ބަޓާނާ، ތޮރާ، ބަރަބޯ، ކިއުކަންބާ، ފަޅޯ، ދޮންކެޔޮ ގިނަ އަދަދަކަށް ބާޒާރަށް ނެރުމަށްވެސް އެގްރޯނެޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގްރޯނެޓާ އެކު އެއްބަސްވުން ހަދައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 748 ދަނޑުވެރިޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ދަނޑުވެރިން މަސައްކަތް ފެށުމުގެ ކުރިން އެ މަސައްކަތަށް ބޭނުންވާ ތަކެތި "ސްޓާޓާ ޕެކް"ގެ ގޮތުގައި އެގްރޯނެޓުން ފޯރުކޮށްދެެ އެވެ. އެގޮތުން އެ ތަކެތި ފޯރުކޮށްދީފައިވާ 276 ދަނޑުވެރިންގެ ތެރެއިން 274 ދަނޑުވެރިޔަކު މަސައްކަތް ކުރާ ކަމަށްވެސް އެގްރޯނެޓުން ބުނެ އެވެ.