އެގްރޯ ނޭޝަނަލް ކޯޕަރޭޝަން

އެގްރޯ ކުންފުންޏަށް ތިން ރަށެއް ދޭން ނިންމައިފި

ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތިން ރަށެއް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އެގޮތުން ދިނުމަށް ނިންމާފައިވަނީ ހއ. މުލިދޫ، ލ. ގާދޫ އަދި ގދ. ގަމެވެ. މި ތިން ރަށަކީ ސައިޒުގެ ގޮތުން ބޮޑު ތިން ރަށެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެެއްވަމުން އެގްރޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް ތަރައްގީކުރުމަށްޓަކައި އެ ތިން ރަށް އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ. މިހާރު ކުރަމުން ދަނީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކަމާ ގުޅޭ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ކަމާ ގުޅޭ އެއްބަސްވުންތައް ނިންމާ، ރަސްމީކޮށް ހަވާލުވެވޭނެ ކަމަށް،" ހާރޫން ވިދާޅުވި އެވެ.

އެގްރޯ ކުންފުންޏަށް ލިބުނު ތިން ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލުމަށް ވެސް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. ކުންފުނީގެ ވިސްނުން ހުރީ އެ ރަށްތަކާ އެންމެ ކައިރީގައިވާ މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނަށް އިސްކަން ދިނުމަށެވެ. ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އާ ކޮންސެޕްޓެއް ހިމަނައިގެން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދިނުމަށްވެސް އެގްރޯގެ ޕްލޭންގައި އެބައޮތެވެ.

ހާރޫން ވިދާޅުވީ އެ ތިން ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ދޫކުރާނެ ކަމަށެވެ. އެކަމަކު ދޫކުރާނެ ބިމުގެ ބޮޑު މިނާއި ކުލީގެ އަގުތައް އަދި ކަނޑައަޅާފައެއް ނުވެ އެވެ. ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން ކަނޑައަޅަން ނިންމާފައިވަނީ ޕްރޮޕޯސަލްތަކާއި އިންވެސްޓް ކުރަން ވިސްނާފައިވާ ގޮތް ބެލުމަށްފަހު އެވެ. އެގްރޯ ކުންފުންޏާ އެކު އެއްބަސްވުން ހަދައިގެން މިހާރު ވެސް ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެ ކުންފުނިން ފޯރުކޮށްދޭ އެހީތައް އެ ތިން ރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވެސް ހަމަޖައްސައި ދިނުމަށް ނިންމާފައިވެ އެވެ.

އެގްރޯގެ ދަނޑުވެރިން މިވަގުތު ހައްދަނީ 17 ބާވަތެކެވެ. އެއީ ރާއްޖެއަށް އެންމެ އާންމުކޮށް އިމްޕޯޓް ކުރާ ބާވަތްތަކެވެ. އެކަމަކު އަލަށް ލިބުނު ތިން ރަށުގައި އިތުރު ބާވަތްތައް ހައްދަން ފުރުސަތު ދިނުމާ އެކު، ކުންފުންޏަށް ފައިދާ ހޯދުމަށްޓަކައި އެހެން ބައެއް މަސައްކަތްތައް ފެށުމަށްވެސް އެގްރޯ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ރަށްތަކުގައި ކޮމާޝަލް އޭރިއާ އެއް ކަނޑައެޅުމަށްފަހު އެ ތަންތަނުގައި ކުކުޅާއި ބަކަރި ކަހަލަ ބާވަތްތަކުގެ ފާމްތައް ހަދަން ބިން ދިނުމުގެ ވިސްނުމެއް ގެންގުޅެ އެވެ. މީގެއިތުރުން ގަސް ކާނާ ހަދައިގެން ދަނޑުވެރިންނަށް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

ހާރޫން އިތުރަށް ވިދާޅުވީ އެ ރަށްތަކުގައި ތިބޭ ދަނޑުވެރިންނަށް އެކޮމަޑޭޝަނާއި ދަނޑުތައް ހައްދާ ބެލެހެއްޓުމަށް ބޭނުންވާ އެހެން ވަސީލަތްތައް އެ ކުންފުނިން ގާއިމުކޮށްދޭނެ ކަމަށެވެ. އަދި ދަނޑުވެރިންނަށް ކޮންމެހެން ބޭނުންވާނެ ކަންކަން ކޮށްދިނުމުގައި އެކުންފުނީގެ މުވައްޒަފުން ވެސް އެ ރަށްތަކުގައި ބައި ތިއްބާނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ގޮތަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ ދަނޑުވެރިންގެ މަސައްކަތްތަކަށް ފަސޭހަކޮށްދީ ދަނޑުވެރިން ކުރާ މަސައްކަތާއި އެއްވަރުގެ އާމްދަނީއެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.