މާލޭ ސިޓީ ކައުންސިލް

ތިލަމާލެ ބްރިޖު މަސައްކަތަށް ވިލިމާލެ ކައިރީ އުޅަނދުތައް ނަގަނީ

Apr 16, 2022

ތިލަމާލެ ބްރިޖު މަސައްކަތަށް ވިލިމާލެ ހުޅަނދު ދެކުނު ފަރާތު އެއްގަމާއި އަދި ފަޅުތެރޭ އަޅާފައި ހުރި އުޅަނދު ފަހަރު ނަގަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިނގިލީގެ ފަޅުތެރެއާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އެ އުޅަނދުތަކުގެ ސަބަބުން މަސައްކަތަށް ދަތިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެހެންކަމުން އެ ސަރަހައްދަށް އަރާގޮތަށް އެއްގަމާއި ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތައް ނެގުމަށް ވަނީ އަންގައިފަ އެވެ.

ސިޓީ ކައުންސިލުން ބުނީ މިމަހުގެ 19 ވަނަ ދުވަހުގެ 18:00 ގެ ކުރިން އެއެއްޗެހި ނުނަގައިފި ނަމަ އެ ކައުންސިލުން އެތަކެތި އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށެވެ. އުޅަނދުތައް ނެގުމުގައި ލިބޭ ގެއްލުމަކަށް ޒިންމާ ނުނަގާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު ހެދުމުގެ މަސައްކަތާއި ކަމާ ގުޅޭ ސާވާ ތަކާއި ދިރާސާތައް ވެސް ހަދާނީ އެފްކޯންސް ކުންފުނިންނެވެ.

ބްރިޖުގެ މަސައްކަތަށް ހާއްސަ "ދަ ޖެކް އަޕް" ބާޖު މިހާރު ގެނެސްފަ އެވެ.