އިންޑިޔާގެ ކަލްކަތާގެ ޓްރެފިކް ބަލަހައްޓާ ފުލުހަކު އެ ގައުމުގެ މަގެއްގެ އެއް ފަރާތު ބިން މަތީގައި ކިޔަވަން އިން ކުޑަ ކުއްޖަކަށް ފިލާވަޅު ބުނެދޭ މަންޒަރު ވައިރަލްވެ ގިނަ ބައެއްގެ ތައުރީފު މި ފުލުހަށް ލިބިއްޖެ އެވެ.
ސާޖެންޓް ޕްރަކާޝް ގޯޝް އަކީ ކަލްކަތާގެ ޓްރެފިކް ގާޑެކެވެ. ގެދޮރުނެތް ފަގީރު ކުއްޖަކު މަގުމަތީގައި ކިޔަވަން އިންދާ ފެނިގެން އޭނާއަށް ނޭނގޭ ފިލާވަޅުތައް ކިޔައިދީ ސާޖެންޓް ގޯޝް އެ ކުއްޖާ އަށް ވަނީ އެހީތެރިކަން ފޯރުވާފަ އެވެ.
މިހާރު އިންޓަނެޓުގައި ވައިރަލް ވެފައިވާ މި ވިޑިއޯ ނެގީ އެ ރަށުގައި ދިރިއުޅޭ ނޫސްވެރިއެކެވެ. އުމުރުން 8 އަހަރުގެ ކުއްޖާ ގަހެއްގެ ދަށުގައި ކިޔަވަން އިންދާ އޭނާ ކައިރިއަށް ސާޖެންޓް ގޮސް ފިލާވަޅުތައް ބުނެދޭ މަންޒަރު ނޫސްވެރިޔާ އަށް ވެސް ވަރަށް އަސަރުކުރި މަންޒަރަކަށް ވެގެން އޭނާ އެމަންޒަރު ރެކޯޑް ކުރީ އެވެ.
ފަހުން ކަލްކަތާ ފުލުހުން ވެސް މި ވީޑިއޯ ޝެއާ ކޮށްފައި ވެއެވެ. ވީޑީއޯ ޝެއާ ކުރަމުން ފުލުހުން ވަނީ ސާޖެންޓް ގޯޝް އެ ކުއްޖާގެ މެންޓާއަކަށް ވެސް އޭނާއަށް ކިޔެވުމުގައި އެހީތެރިކަން ފޯރުކޮށްދިން ގޮތް އޮޅުން ފިލުވައިދީފަ އެވެ.
"ސާޖެންޓް ގޯޝް އެ ހިސާބުގެ މަގުމަތި ބެލެހެއްޓުމަށް ހުންނަ ވަރަށް ގިނަ ދުވަސް ދުވަހު މި ކުއްޖާ މަގުމަތީގައި ކުޅެން އުޅެނިކޮށް ފެނޭ. ކުއްޖާގެ މަންމަ މަސައްކަތްކުރަނީ ކައިރީގައި ހުންނަ ފުޑް ސްޓޯލް އެއްގައި. އަދި ދަރިފުޅު ސަރުކާރުގެ ސްކޫލަށް ލައިގެން ކިޔަވައިދީ ދަރިފުޅަށް ރަނގަޅު މުސްތަގްބަލެއް ބިނާ ކޮށްދެވޭތޯ އެ މަންމަ ވަރަށް ގިނަ ގުނަ މަސައްކަތް ކުރަމުންދޭ. ބޯހިޔާވަހިކަމެއް ނެތި ޕޭވްމަންޓް މަތީގައި ދަރިފުޅު ގޮވައިގެން ދިރިއުޅޭ މި މަންމަގެ އުންމީދަކީ ދަރިފުޅު ކިޔަވާ މޮޅު މީހަކަށް ވެގެން އެމީހުންގެ ފަގީރު ހާލަތުން އަރައިގަނެވޭނެ ދުވަހެއް ފެނުން. ނަމަވެސް ގްރޭޑް 3 ގައި ކިޔަވާ މިކުއްޖާ ކިޔަވާހިތް ދުވަހަކަށް ވުރެ ދުވަހެއް ކެނޑެމުން ދާތީ އެ މަންމަ ވަނީ ވަރަށް ކަންބޮޑުވެފައި. ވަރަށް ގިނައިން ސާޖެންޓް ގޯޝް އާ އެކުއްޖާގެ މަންމަ އާ ދިމާވޭ. އަދި ބައެއް ފަހަރު ވާހަކަ ދައްކަމުން ގޮސް އެ މަންމަގެ ކަންބޮޑުވުންތައް ސާޖެންޓަށް ކިޔައިދިން. ކުޑަ ކުއްޖާގެ ޓީޗަރެއްގެ ގޮތުގައި އޭނާއަށް ކިޔެވުމުގެ އެހީތެރިވެދޭން ސާޖެންޓް ނިންމީ މަންމަގެ ކަންބޮޑުވުންތައް އަޑުއަހާފައި،" ވީޑީއޯ އާއެކު ފުލުހުން ލިޔެފައިވާ ލިޔުމުގައި ވެއެވެ.
މިހާރު އެހިސާބުގައި ސާޖެންޓް ފޯރިމަރާ ދުވަސް ދުވަހު ކުއްޖާ ހުރި ތަނަކުން ހޯދާ ގެނެސް ގަސްދޮށުގައި ބައިންދައިން ފޮތްތައް ނަންގުވައިގެން އެ ކުއްޖާ ލައްވާ ފިލާވަޅުތައް ހައްދަ އެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ކުއްޖާއަށް ނޭނގޭ އެއްޗެތި ބުނެދީ އޭނާ އެތަނުން ގުޑާ ނުލާ އިނދޭތޯ ވެސް ޔަގީން ކުރެ އެވެ.
އަދި ބައެއް ދުވަސްދުވަހު ޑިއުޓީ ނިންމާފައި ދަމުން ވެސް ކުއްޖާ އަށް ފިލާވަޅުތައް ކިޔައިދިނީ ނޭނގޭ އެއްޗެތި ދަސްވިތޯ ސުވާލުކޮށް ހަދަ އެވެ. އޭނާގެ ޔުނިފޯމްގެ ގޮތުން ކުއްޖާއާއެކު ބިންމަތީގައި އިށީނުމަކީ ސާޖެންޓަށް ވާވަރުގެ ކަމަކަށް ނުވާތީ އޭނާ ހުންނަނީ ގަހެއްގެ ހިކި ހޯލިގަނޑެއް ހިފައިގެން ކޮޅަށެވެ. ފިލާވަޅުތައް އޭނާ ކިޔައިދެނީ އެ ދަނޑިގަނޑު ޖައްސައިގެންނެވެ.
މިގޮތަށް ސާޖެންޓް ކިޔައިދޭން ފެށުމުން ކުއްޖާގެ ކިޔެވުން ރަނގަޅުވަމުން އަންނާނީ އޭނާގެ މަންމަ ހުރީ ވަރަށް އުފަލުންނެވެ.