ލައިފްސްޓައިލް

އަންހެނުން އަންނާނޭ ބުނެ ޗުއްޓީއަށް އެދުވަހު ފުލުހަކަށް ލަނޑެއް

އަންހެނުން ރުޅިއަތުވެދާނެތީ ވަރަށް ބިރުގަންނަ ފިރިހެނުން އުޅެ އެވެ. ނަމަވެސް އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގެ މި ފުލުހަކީ އާދަޔާޚިލާފު މީހެކެވެ. މި ފުލުސް މީހާ އޭނާގެ އަންހެނުންގެ ކޮއްކޮއަކު ކައިވެނި ކުރާތީ ޗުއްޓީއެއް ހޯދަން ފުލުހުންގެ އިސް ވެރިޔާއަށް ސިޓީއެއް ލިޔުނެވެ.

ފުލުހުންގެ ކޮންސްޓެބަލް ދިލިޕް ކުމާރު އަހިރްވަރް މިދިޔަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ޗުއްޓީއެއް އެދި ފޮނުވި ސިޓީގައި ބުނެފައި ވަނީ ޗުއްޓީ ނުލިބިއްޖެނަމަ އަނބިމީހާ ވަރަށް ރުޅިއައިސް އޭނާއަށް ރުޅި ބާލާނެ ކަމަށެވެ.

"މި ސިޓީ ފޮނުވާ މީހާގެ އަނބިމީހާ ވަރަށް ސާފުކޮށް އޭނާ ކައިރީ ބުނެފައި ވަނީ އޭނާގެ ކޮއްކޮގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރި ނުވެއްޖެނަމަ ހިތާމަކުރަން ޖެހޭ ވަރު ކޮށްލާނަމޭ،" ހިންދީ ބަހުން އެމީހާ ލިޔެފައިވާ ސިޓީގައި ބުނެފައި ވެއެވެ.

ނަމަވެސް މި ސިޓީ ލިޔުން ވެގެން ދިޔައީ ފުލުސް މީހާ ހީކުރިހާ މަޖާ ކަމަކަށް ނޫނެވެ. މި ސިޓީގެ ސަބަބުން އެމީހާ އާ ދެކޮޅަށް ޑިސިޕްލިނަރީ އެކްޝަން ނަގަން ފުލުހުންގެ އިސް ވެރިން މިހާރު ވަނީ ނިންމާ އެގޮތަށް އަމަލު ކޮށްފަ އެވެ.

ބޯޕާލްގެ އެޑިޝަނަލް ޑައިރެކްޓަ ޖެނެރަލް އޮފް ޕޮލިސް އުޕެންދުރަ ޖެއިން ވިދާޅުވި ގޮތުގައި ޓްރެފިކް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި މި މީހާ މިހާރު ވަނީ އަދަބުދޭ މީހުން މަސައްކަތް ކުރަން ލާ ޑިޕާޓްމަންޓަކަށް ބަދަލު ކޮށްފަ އެވެ.

"އޭނާގެ އަމަލުތައް ހުރި ގޮތުން ފިޔަވަޅު އަޅަން ޖެހުނީ. ފުރަތަމަ ކަމަކީ އޭނާގެ ސިޓީގައިވާ އިބާރާތަކީ ފުލުހަކު ލިޔެ އޭނާގެ އިސް ވެރިންނަށް ފޮނުވާ ސިޓީއެއްގައި ބޭނުން ކުރަންޖެހޭ ބަހުރުވައަށް ވުރެ ދަށު ދަރަޖައިގެ ބަހުރުވަ އަކުން ލިޔެފައިވުން. ދެ ވަނަ ކަމަކީ އެ ސިޓީ މީޑިއާ އަށް ފޮނުވައި ސޯޝަލް މީޑިއާގައި އާއްމުކުރުން،" އިންޑީއާގެ ނިއުސް ޗެނަލް އަކަށް ދެއްވި އިންޓަވިއު އެއްގައި ފުލުހުންގެ އިސް ވެރިޔާ ވިދާޅުވި އެވެ.

މިހާ ކުޑަ ކަމަކާ ހެދި މި ފުލުސް މީހާއަށް ފިޔަވަޅު އެޅީތީ ދެރަވެގެން ބައެއް މީހުން ސޯޝަލް މިޑިއާގައި ތަފާތު ޝުއޫރުތައް ފާޅުކުރަން ފެށުމުން ފުލުހުންގެ އިސް އޮފިޝަލަކު ފާޑުކިޔާ މީހުންނަށް ޖަވާބު ދީފައި ވެއެވެ.

އޭނާ ބުނި ގޮތުގައި ފާޑުފާޑު ބަހަނާ ދައްކައިގެން ޗުއްޓީ ނެގުމަކީ މި ފުލުސް މީހާ އަލަށް ކުރި ކަމެއް ނޫނެވެ. ވަރަށް ތަފާތު އާ ވާހަކަތައް ދައްކައިގެން ޗުއްޓީ ނެގުމަކީ މި މީހާ އާއްމުކޮށް ކުރާ ކަމެކެވެ. އެގޮތުން ފާއިތުވީ 11 މަސް ދުވަހުގެ ތެރޭގައި 55 ދުވަސް އެމީހާ ޗުއްޓީގައި ހޭދަކޮށްފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.