އަންނަ އަހަރުގެ ޗައިނާގައި އޮންނަ ސައުތު އޭޝިޔާ ޗައިނާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު މިއަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިމަހުގެ 22 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި އެކްސްޕޯ މޯލްޑިވްސްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ބޭއްވި "ލައިވް ފުޑް ކޮމްޕެޓިޝަންގައި" ބައިވެރިވެ ވަނަތައް ހާސިލް ކުރެއްވި ފަރާތްތަކަށް އެވޯޑް ހަވާލުކުރުމަށް މިރޭ ދަރުބާރު ގޭގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެ ވާނީ އަންނަ އަހަރު އޮންނަ އެކްސްޕޯގެ ޝަރަފްވެރި ގައުމު ކަމަށެވެ.
މިދިޔަ އަހަރު ސައުތު އޭޝިޔާ، ޗައިނާ އެކްސްޕޯގައި ރާއްޖެ ބައިވެރިވީ ޝަރަފްވެރި ގައުމުގެ ގޮތުގައި ނޫން ނަމަވެސް ތިން ދުވަހުގެ ތެރޭގައި ރާއްޖެއިން ހުށަހެޅި ހުރިހާ އުފެއްދުމެއް ވިކި ހުސްވިކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ "ޝަރަފްވެރި ގައުމުގެ ގޮތުގައި ބައިވެރިވެ ގިނަ އުފެއްދުންތައް ހުށަހެޅުމުން ރާއްޖެއަށް ބޮޑު ކާމިޔާބެއް ލިބޭނެ" ކަމަށެވެ.
މިރޭގެ ވާހަކަފުޅުގައި ސައީދު ވަނީ މިފަދަ އެކްސްޕޯތައް ރާއްޖޭގައި ބާއްވަންވީ ސަބަބުތައް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރެއިން ހާއްސަ ގޮތެއްގައި މި ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިތުރު ފުރުސަތު ހޯދައިދީ ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރި އެވެ.
"މިހާރު ސަރުކާރުން އަޅަން ހަމަޖެހިފައިވާ އިމާރާތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ދެ ފްލޯއެއް ހުންނާނެ. އެ ދެފްލޯގައި އެކަށީގެންވާ މަސައކަތްތަކެއް އެފަރާތްތަކަށް ކުރެވޭނެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރަނގަޅު އުފެއްދުންތަކެއް ގެނެސްދެވޭނެ. މީގެ ސަބަބުން މުސްތަގްބަލްގައި އޮންނަ މިފަދަ އެކްސްޕޯތަކުގައި، މިފަދަ މުބާރާތްތަކުގައި މިފަރާތްތައް ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ. މީގެ އިތުރުން އުފައްދާ ތަކެތިވެސް ފެންވަރު ރަނގަޅުވެ މާކެޓް އޮތް އެއްޗެއްސަށް ވުމަށްޓަކައި ތިބޭފުޅުން ކުރައްވާ މަސައްކަތަށް ލިބޭނެ ކުރިއެރުމެއްކަން ފާހަގަކުރަން. އެފަރާތްތަކަށް އިނާމް ދިނުމަކީ މިއެކްސްޕޯ ބޭއްވުމުގެ ސަބަބެއް" ސައީދު ވިދާޅުވި އެވެ.
މިއެކްސްޕޯގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ގިންތިތަކުން ވަނަ ވަނައަށް ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވާ އަދި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވީ މިއެކްސްޕޯގެ ސަބަބުން ދިވެހިންނަކީ އުފެއްދުންތެރި އަދި ފަންނުވެރި ބައެއްކަން އެނގިގެން ހިނގައްޖެ ކަމަށެވެ. ޑޮލަރު ލިބުމުގެ ދަތިތައް ކުރިމަތިވާ މައްސަލައަށް ލިބޭނީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ އާއި ރާއްޖެއިން ބޭރުވާ ބޭރު ފައިސާގެ ފަރަގު ކުޑަކޮށްގެން ކަމަށް އަޒީމާ ވިދާޅުވިއެވެ.
އެފަރަގު ކުޑަ ކުރެވޭނީ މިފަދަ އުފެއްދުންތައް ދިވެހިން އުފައްދާ ބޭރުގެ ފަރާތްތަކަށް އެ ވިއްކައިގެންކަން އަޒީމާ ފާހަގަކުރި އެވެ.
މި އެކްސްޕޯގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 4 ގިންތިއަކުން ވަނަ ހޮވާފައިވާއިރު 17 ފަރާތަކުންވަނީ މި ގިންތިތަކުން އެކްސްޕޯގައި ބައިވެރިވެފަ އެވެ.
މިއެކްސްޕޯގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ވަނަ ހޮވާފައިވާ 4 ގިންތި:
1. ނޮޓިންގް މެކްރޭމް. - 1 ވަނަ- ހުސައިން ސަލީމް، މިރުސް ގަސްދޮށުގެ، ގއ. ދެއްވަދޫ. މިގިންތިން 2 ވަނަ އަދި 3 ވަނަ ހޮވިފައެއް ނުވޭ.
2. ރިބަން އެމްބްރޮއިޑަރީ. - 1 ވަނަ - ހިޝާމް މުހައްމަދު މުމްތާޒް، އާނިރު، ބ. ތުޅާދޫ. 2 ވަނަ - އައިމިނަތު ނިޝާން ނިޔާޒް، ބްލޫ ހެވަން، ގއ. ވިލިނގިލި. 3 ވަނަ - އާއިޝަތު ނާއިޝާ، ދިލްކަޝްވިލާ، ނ.ވެލިދޫ
3. ޕަންޗް ނީޑްލް އެމްބްރޮޑަރީ - 1 ވަނަ - ހަމްދޫން ޝަރީފް، އެތަންސް، ގއ. ދެއްވަދޫ
4. ދިވެހި ރަހަތައް ވަގުތުން ތައްޔާރު ކުރުން. - 1 ވަނަ އަށް އެއްވެސް ފަރާތެއް ހޮވިފައެއް ނުވޭ. 2 ވަނަ - އާއިޝަތު ރަޝީދާ، ރިވާޑް. 3 ވަނަ - ނަޞްރީނާ އަލީ، ދަފްތަރު ނަމްބަރު 3257
އެކސްޕޯ މޯލްޑިވްސް 2015ގެ އެކްސްޕޯ މިއަހަރު ބާއްވާފައިވަނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. މިއަހަރުގެ އެކްސްޕޯއަށް އެކި ގޮތްގޮތުން 13،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިކަން ސައީދުވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މިއެކްސްޕޯ ބަލާލުމަށް ރާއްޖެއިން ބޭރުންވެސް މީހުންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.