ހައިކޯޓް

130 ކިލޯގެ ޑުރަގް: ދެ މީހުން ދޫކުރި މައްސަލަ ހައިކޯޓުން ފަށަނީ

ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހަކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި ފަށަން މާދަމާއަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ ހަ ވަނަ ދުވަހު ބަންދުން ދޫކޮށްލާފައި ވަނީ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ދައުލަތުން ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމް އަދި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ.

ދަށު ކޯޓުން އެ ދެ މީހުން ދޫކޮށްލުމުން ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ފެށުމަށް ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 12:00 އަށެވެ.

ކްރިމިނަލް ކޯޓުން މި ދެ މީހުން ދޫކޮށްލައިފައި ވަނީ ބަންދު މުރާޖާ ކުރުމަށް ބޭއްވި އަޑުއެހުމެއްގައި އެމީހުންގެ ބޭސްފަރުވާ އަށެވެ. އެމީހުން ކުރިން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކަންނެލި ދޯންޏެއްގައި ކަނޑުމަގުން 130 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެވެ. މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

މި ދެ މީހުންގެ ތެރެއިން ޝަހީބަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެކެވެ. އެގޮތުން އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޝަހީބް ޖާމިނުކޮށްފައި އެމީހުން ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.