މޯލްޑިވްސް ޕޮލިސް ސާވިސް

ބަންގްލަދޭޝް މީހާ މަރާލި މީހާ ހޯދަން ފަށައިފި، އެއީ ނުރައްކާތެރި މީހެއް

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ޕާކިސްތާނުގެ ރައްޔިތަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަަތުން ދެންމެ ބުނީ ހޯދަމުން ދަނީ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އެ މީހާގެ ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން ވަނީ އެ މީހާ ފެނިއްޖެނަމަ އޭނާއާ ކުރިމަތި ނުލަން އެދިފައެވެ. އަދި އެ މައުލޫމާތު 119 އަށް ގުޅާ ހިއްސާ ކުރުމަށް އެދިފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އާބިދު އަކީ ވަރަށް ނުރައްކާތެރި މީހެކެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.

ޚާންޖީ ރެސްޓޯރަންޓްގައި ހިނގި ހާދިސާގައި އާބިދު ވަނީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރަށް ބޮޑު ވަޅިއަކުން އެތައް ފަހަރަކު ހަމަލާ ދީފައެވެ. ކަރާއި ހަށިގަނޑު އެކި ގުނަވަންތަކަށް ފުން ޒަހަމުތައް ދީފައި ހުއްޓެވެ. އެކަމާއި ގުޅިގެން ވަގުތުން އޭނާ މަރުވިއެވެ.

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީން އޭނާއަށް އެކި ކަހަލަ ފަރުވާ ދެވޭތޯ ރެސްޓޯރަންޓްގެ މުވައްޒިފުން މަސައްކަތް ކުރިއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ވަނީ މަރުވެފައެވެ.