އަގްސާ މިސްކިތަށް އިޒްރޭލު ސިފައިން ވަދެ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ބިންތަކުގައި ވަކިން ހާއްސަކޮށް އަގްސާ މިސްކިތުގައި އިޒްރޭލު ސިފައިން ހިންގަމުން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ.
އިޒުރޭލުގެ އެފަދަ އަމަލުތަކާ ގުޅިގެން ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ފަލަސްތީން ރައްޔިތުންނާ އެކު ދިވެހި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ. މީގެއިތުރުން ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ފަލަސްތީން ރައްޔިތުން ކުރަމުންދާ މަސައްކަތަށް ދިވެހިންގެ ތާއީދު އއޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަގްސާ މިސްކިތަށް އިޒްރޭލު ސިފައިން ވަދެ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އަބަދުވެސް ހަމަނުޖެހުން ހިންގަ އެވެ. ވަކިން ހާއްސަކޮށް ރޯދަ މަހު ފަލަސްތީން ރައްޔިތުން އަގްސާ މިސްކިތުގައި އަޅުކަން ކުރުމަށް ކޮންމެ އަހަރަކުހެން އިޒްރޭލު ސިފައިން ދަނީ ހުރަސް އަޅަމުންނެވެ.
އިޒްރޭލު ސިފައިންނާއި ފަލަސްތީން ރައްޔިތުންނާ ދެމެދު މި ރޯދަ މަހު ހަމަނުޖެހުންތައް ފެށުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަގްސާ މިސްކިތުގައި ތިއްބާ އިޒުރޭލު ސިފައިން ވަދެ އަޅުކަން ކުރަން ހުރަސްއެޅުމުންނެވެ.