މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި މަރާލި އެރަށު ނޫވިލު، އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ތޫނު އެއްޗެހިން ހަމަލާދީ ޒިޔަދަމް މަރާލިކަމުގެ ދައުވާ ލިބެނީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ޝިފާންގެ މައްޗަށެވެ.
މި މައްސަލަ ނިމުމަކާ ގާތަށް އައިސްފައިވާއިރު މިއަދު ތާވަލްކޮށްފައި ވަނީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން އިއްވާ އަޑުއެހުމެކެވެ. ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގެ އަޑުއެހުން މިއަދު ކެންސަލްކޮށްފައި ވަނީ ދިފާއީ ވަކީލު މެޑިކަލް ޑޮކިއުމެންޓްތަކެއް ހުށަހަޅައި، މިއަދު ބައިވެރި ނުވެވޭނެ ކަމަށް އެންގުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ އެރަށު ވަގުތީހިޔާ ގެ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ދައުވާލިބޭ ދެ މީހުން އެތަނަށް ގޮސް، ތޫނު އެއްޗެހިން ޒިޔަދަށް ހަމަލާދީފައިވާ ކަމަށް ދައުލަތުން ބުނެ އެވެ އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާ ގޭ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
ޒިޔަދަމް މަރާލިކަމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް އެ މައްސަލައިގެ ދައުވާ ލިބޭ ޝަނޫންގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެއީ ބިރު ދެއްކުމުގެ ދައުވާއަކާއި މާރާމާރީ ހިންގުމުގެ ދައުވާ އެކެވެ. މާރާމާރީ ހިންގުމުގެ ދައުވާ ކުރަނީ ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް އޭގެ ތެރެއިން މީހަކަށް ޝަނޫން ހަމަލާދިން ކަމަށް ބުނެ އެވެ. ބިރު ދެއްކުމުގެ ދައުވާ ކުރަނީ ޒިޔަދަމް މަރާލި ފަހުން ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމަށް ބުނެ އެވެ.
މި މައްސަލައިގެ އެކި މަރުހަލާތަކުގައި ބެއްލެވީ އެކި ގާޒީންނެވެ. މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ޝަފީއު އެވެ.