ކްރިމިނަލް ކޯޓް

ޒިޔަދަމުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން

Feb 19, 2023

ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަމު މަރާލި ކަމަށް ކުށް ސާބިތުވެފައިވާ ގާތިލަށް މަރުގެ އަދަބު ދިނުމަށް ޒިޔަދަމުގެ ވަކީލުން ޝަރީއަތުގައި އެދިއްޖެ އެވެ.

މީގެ ހަތް އަހަރު ކުރިން -- މާޗް 20، 2015 ވަނަ ދުވަހުގެ ރޭ ޒިޔަދަމު މަރާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން އާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

މި ދެ މީހުންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. ޝަނޫންގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ސިފާމްގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށެެވެ.

ޒިޔަދަމްގެ ގާތިލުންނަށް ހުކުމް އިއްވޭނީ ވާރިސުންގެ ހެކި ބަސް ނަގައިގެން ކަމަށްވާތީ ކޯޓުން މިއަދު ވަނީ ވާރިސުންގެ ހެކި ބަސް ނަގާފަ އެވެ. ކޯޓުން ހޯދި މައުލޫމާތަށް ބަލާއިރު ޒިޔަދަމްގެ ވާރިސުންގެ ގޮތުގައި މަންމައާއި ބައްޕަގެ އިތުރުން އެއްބަފާ ދެ މީހުންނާއި އެއްބަނޑު އެއްބަފާ ހަ މީހުން ހިމެނެ އެވެ.

ޒިޔަދަމު މަރާލިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު މަންމަ ވަނީ މަރުވެފަ އެވެ. އެހެންނަމަވެސް މަންމަ މަރުވުމުގެ ކުރިން ތަހުގީގަށް ދިން ބަޔާނުގައި ވަނީ ޒިޔަދަމުގެ ގާތިލަށް މަރުގެ އަދަބު ދިނުމަށް އެދިފަ އެވެ. ހުރިހާ ވާރިސުން ވެސް ކޯޓުގައި އެދުނީ ޒިޔަދަމުގެ ގާތިލަށް މަރުގެ އަދަބު ދިނުމަށެވެ.

ޒިޔަދަމްގެ މަރުގެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ވާރިސުންގެ ބަސް ނެގިފައިވާތީ އަންނަ އާދިއްްތަ ދުވަހު މިމައްސަލައިގައި ހުކުމް ކުރުން އޮންނާނެ ކަމަށެވެ.

މަރުގެ މައްސަލަތަކުގައި އެއްވެސް ވާރިސަކު މަރުގެ އަދަބު ދިނުމަށް އިންކާރުކޮށްފިނަމަ މަރަށް މަރު ހިފުމުގެ ހުކުމުން ސަލާމަތް ވާނެ އެވެ. ނަމަވެސް ޒިޔަދަމުގެ ހުރިހާ ވާރިސުން ވެސް އެދުނީ މަރަށް މަރު ހިފާށެވެ.

ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައިވާކަން ހެކިންގެ ހެކިބަހުން އެނގެ އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނު ދިރިއުޅުނު ގޭގެ ބަދިގޭގައި އޮއްވަ އެެވެ.

ޝަރީއަތުގައި ދައުލަތުން ބުނި ގޮތުގައި މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އާއި ސިފާމް ވަނީ އެތަނަށް ގޮސް ތޫނު އެއްޗަކުން ޒިޔަދަމްއަށް ހަމަލާދީފަ އެވެ.

އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.