ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދާފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި "ކާގޯ އޮފީސް" ހިންގަން ޖާގަ ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށާއި ބިޑް ކުރުމަށް އިތުރު ވަގުތު ދީފި އެވެ.
ކާގޯ އޮފީސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މިދިޔަ މަހު ފުރުސަތު ހުޅުވާލީ މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅު ކުރުމަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މުއްދަތު އިތުރުކުރީ ބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް ގިނަ ފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ ކަމަށެވެ.
ކާގޯ އޮފީސް ހިންގަން ޖާގަ ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ވަގުތު ދީފައިވާތީ ބީލަން ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ ފަސް ކޮށްފަ އެވެ. ބީލަން ހުށަހެޅުމަށް މިހާރު ފުރުސަތު ދީފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށެވެ. ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ އޮފީސް ޖާގައަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ.
އެމްއޭސީއެލް އިން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އޮފީސް ހަދައި ހިންގުމަކީ އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ލިބޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކާގޯ އޮފީސް ހިންގަން ކުރިމަތިލެވޭނީ އިންޓަނޭޝަނަލް އެއާލައިނެއްގެ ކާގޯ ސޭލްސް އެޖެންޓްއެއްގެ ގޮތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ބްރޯކަރެއް ނުވަތަ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކާގޯ ބްރޯކަރެއް ނުވަތަ ކާގޯ އެޖެންޓަކަށް ވެސް ވާންޖެހެ އެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު ބީލަމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ކުންފުންޏަށް އެންމެ ފައިދާ ހުރި ބީލަންތައް ހުށަހަޅާފައިވާ ފަރާތްތައް ދެނެގަތުމަށް ފަހު ކަމަށެވެ.