ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިސްލާމިކުން ޑެބިޓް ކާޑެއް ތައާރަފުކޮށްފި

Apr 17, 2022

ބީއެމްއެލް އިސްލާމިކް އިން ވިޔަފާރިވެރިންނަށް ހާއްސަ ކޮށްގެން މާސްޓާ ކާޑުގެ ޑެބިޓް ކާޑު މިއަދު ތައާރަފު ކޮށްފި އެވެ.

މިކާޑަކީ ވިޔަފާރިތަކަށް އާ ޕޭމަންޓް ސޮލިއުޝަނެއް ހޯދައިދޭނެ ކާޑެއް ކަމުގެ ޔަގީންކަން ބީއެމްއެލް އިން ދެއެވެ.

ބީއެމްއެލް އިން ބުނީ އަލަށް ތައާރަފް ކުރި ކާޑުން ފަސޭހަ ކަމާއެކު ބިޒްނަސް އެކައުންޓް ބޭނުން ކުރުމާއި، ވިޔަފާރީގެ ހަރަދުތައް ބެލެހެއްޓުމާއި އަދި ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބަލަހައްޓަން ފަސޭހަވެގެންދާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ ކުރިއަރާ ވިޔަފާރިތަކަށް އެހީވުމަށް އެންމެ އެކަށޭނެ ބޭންކިން ހައްލުތައް ހޯދައިދިނުމަށް ބީއެމްއެލް އިން ކުރާ މަސައްކަތުގައި އާ ޕޭމަންޓް ނިޒާމެއް ތައާރަފު ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަލަށް ތައާރަފް ކުރި މާސްޓާ ކާޑު ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް އެހީވެ އަދި ގިނަ ވިޔަފާރިތަކުން ބޭނުންވާ ފަދަ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރެވުނު ހިދުމަތެއް." ޓިމް ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މުއާމަލާތް ކުރުމުގައި މި ކާޑު ބޭނުން ކުރެވޭނެ އެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އެހެނިހެން ކާޑުތަކެކޭ އެއްފަދައިން އަލަށް ތައާރަފް ކުރެވުނު މާސްޓާ ކާޑު ބިޒްނަސް ޑެބިޓް ކާޑުގައިވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމެނެ އެވެ.

ބީއެމްއެލް އިން 20 އަތޮޅުގައި 35 ބްރާންޗާއި 80 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 138 އޭޓީއެމް ހިންގަ އެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމެވެ.