މާލޭގެ ސިނާއީ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެ ބިމުގައި ކުރިން ހުރި ވެމްކޯގެ ހެޑް އޮފީސް ނަގައި އެ ބިން މިހާރު ސާފުކޮށްފައިވާ ކަމަށެވެ.
މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެެވެ. މިދިޔަ އަހަރުގެ ޖޫން 24 ގައި ހަވާލުކުރި މަޝްރޫއުގެ ދަށުން ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމާއި އެތަނަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް އިންސްޓޯލްކުރުން ވެސް ހަވާލުކޮށްފައިވަނީ ސީއެސްސީއީސީ އަށެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ނަގާ ކުނި ޖަމާކުރާ ތަނެވެ. އެތަނުގައި ކުނި އެކި ބައިތަކަށް ބައިބައި ކުރުން ވެސް ކުރިއަށް ދާނެ އެވެ.
ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ތިލަފުށީގައި ފެށީ މިދިޔަ ޑިސެމްބަރު 15 ގައެވެ. މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޓީއޭއެސްއެފް އާއި ޖޭއެފްފީއާއާރް އަދި ދިވެހި ސަރުކާރުން 11.8 މިލިއަން ޑޮލަރު -- 183 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ހިންގާ މަޝްރޫއެކެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އާ ބަނދަރެއް ހެދުމާއި މާލެއާއި، ވިލިމާލެ އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމާއި ގްރޭޓަރ މާލޭ ސަރަހައްދާއި، ކ، އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކުރުމާއި މަރާމާތުކުރުން ހިމެނެ އެވެ.
މީގެއިތުރުން ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި ތިލަފުށްޓަށް ގެންދާ ކުނި ކިރައި, ބައިބައި ވަކިކޮށް ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުންވެސް ހިމެނެ އެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ކުނިން ހަކަތައް އުފެއްދުމަށް ވޭސްޓު އެނާޖީ ޕްލާންޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށާއި އޮޕަރޭޓް ކުރުމަށް ސްޕެއިންގެ މަޝްހޫރު އުރްބާސާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕްލާންޓް ގާއިމުކޮށް ހިދުމަތް ދޭން ފެށުމާ އެކު ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. ސަރުކާރުގެ ދުރު މުސްތަގުބަލްގެ ޕްލޭނަކީ ތިލަފުށީގައި އުފައްދާ ކަރަންޓް މާލޭގެ މައި ކަރަންޓް ވިއުގައަށް ގުޅާލުމެވެ.
ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ބޮޑު މަޝްރޫއު ފެށުމާއެކު ތިލަފުށީގައި ކުރިން ހުރި ބޮޑެތި ކުނިގޮނޑުތައް އެކީ ހުސްކޮށްލައި އެރަށުގައި ކުނި އަންދާތީ އަރަމުން ދިޔަ ދުންގަނޑުގެ މައްސަލަ ވެސް ވަނީ ހައްލުކޮށްފަ އެވެ. ކުނި މެނޭޖްކުރުމުގެ މި މަޝްރޫއު 2023 ވަނަ އަހަރު ނިމުމުން ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.