މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ވިޔަފާރިތަކާއި ކުންފުނިތަކުން ނަގާ ފީ ބޮޑުކުރަން ވެމްކޯ އިން ނިންމައިފި

Mar 9, 2023

ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުނި -- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓަރުންގެ ކުނި އުކައިދޭން ނަގާ ފީ ބޮޑުކޮށްފި އެވެ.

ވެމްކޯ އިން ކުނި އުކައިދޭ ބައެއް ދާއިރާތަކުގެ އަގު ބޮޑުކުރަން ނިންމި ނަމަވެސް ގޭބިސީތަކުން ކުނި އުކައިދޭ އަގަށް ބަދަލު ގެނައުމަށް ނިންމާފައެއް ނުވެ އެވެ. ގޭބިސީތަކުގެ ކުނި އުކައިދެނީ މަހަކު 150 ރުފިޔާގެ ފީއެއް ނަގައިގެންނެވެ.

ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްގެ އަތުން ވެމްކޯ އިން މީގެކުރިން ނަގަމުން އައީ 212 ރުފިޔާ އެވެ. ނަމަވެސް ހިދުމަތުގެ އަގު ބޮޑުކުރުމުން މިއިން ކޮންމެ ބަޔެއްގެ އަތުން ވެސް ކުނި ޓަނަކަށް 2،660 ރުފިޔާ ނަގާނެ އެވެ.

މީގެއިތުރުން ވިޔަފާރުތަކާއި ވިޔަފާރި އުސޫލުން ހިންގާ ތަންތަނަށް ލީޓަރަކަށް 1.27 ލާރި ނެގުމަށާއި ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާ ނެގުމަށްވެސް ނިންމާފައިވެ އެވެ. މިބަދަލާ އެކު ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ޓަނަކުން 1،060 ރުފިޔާ ވެސް ނަގާނެ އެވެ.

ވެމްކޯއިން މިއަދު ބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ދެމުން ގެންދާ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ނިންމީ ޔުޓިލިޓީ އޮތޯރިޓީން ހުއްދަ ދިނުމުން ކަމަށެވެ. އަގަށް ގެނައި ބަދަލަށް އަމަލުކުރަން ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

ކުންޏަށް ބިލްކުރަން ހަމަޖެހިފައިވާ ގޮތް

  • ގޭބިސީތަކަށް މަހަކު 150 ރުފިޔާ
  • ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާ
  • ޓްރާންސްފާ ސްޓޭޝަނުން ބަލައިގަންނަ ކުނި ޓަނަކަށް 1060 ރުފިޔާ
  • ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660 ރުފިޔާ
  • ވަކި ނުކޮށް ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު 1000 ރުފިޔާ

މާލޭގެ ގޭބިސީތަކުގެ ކުނީގެ ބިލް އަންނަ މަހުން ފެށިގެން ކަރަންޓް ބިލްގައި ހިމެނުމަށްވެސް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓް ބިލްގައި ހިމަނައިގެން ކުނީގެ ބިލް ނެގިދާނެ ކަމަށް ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް ކަރަންޓް ބިލްގައި ކުނީގެ ބިލް ހިމެނި ނަމަވެސް ކުނީގެ ބިލް ބޮޑު ނުވާނެ ކަމަށާއި އަދި ކުނި ނެގުމަށް ގޭބިސީތަކުން އިތުރަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކުނީގެ ބިލް ކަރަންޓް ބިލްގައި ހިމެނުމަށް ނިންމާފައި މިވަނީ މާލެ ސަރަހައްދުގެ 53،000 ގޭބިސީއަކުން ވެމްކޯ އިން ކުނި ނެގި ނަމަވެސް ގަވައިދުން ކުނީގެ ބިލް ދައްކަނީ 20،000 ގޭބިސީ ކަމަށް ވެމްކޯ އިން ބުނަމުން ދަނިކޮށް އެ މައްސަލަ ހައްލުކުރުމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ ގޭބިސީތަކުން ކުނި ބިލު ގަވައިދުން ކުނި ނުދައްކާތީ ވެމްކޯއަށް ފައިސާ ލިބުން ދަތިވެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ނުގަނެވި އަދި މަރާމާތުކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. ވެމްކޯ އަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ މެނޭޖުކުރުމަށް ދަތިތައް ހުރި ކަމަށްވެސް ބުނެފައިވެ އެވެ.