ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވަނީ އަވަސް އަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ.
ސަމީރުގެ އިސްތިއުފާގެ ސިޓީގައި އިސްތިއުފާ ދެއްވެވި ވަކި ސަބަބެއް ވިދާޅުވެފައި ނުވާ ކަމަށްވެސް އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ފަނޑިޔާރު ސަމީރަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައިވެސް އިންނަވާ ފަނޑިޔާރެކެވެ.
ފަނޑިޔާރު ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށްފަހު، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ސަމީރު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި، މަދަނީކޯޓުގެ އިސް ގާޒީ ކަމާއި، ސިވިލްކޯޓުގެ އިސް ގާޒީ ކަން ވެސް ހިމެނެ އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސަމީރު އައްޔަން ކުރެއްވުމުން މަގާމުގެ ހުވާކުރެއްވީ މާޗް 26، 2011 ގައެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ސަމީރު ބެއްލެވި ފާހަގަކޮށްލެވޭ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލި މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދުގެ މައްސަލަ ހިމެނެ އެވެ. މީގެއިތުރުން ބައެއް ސިޔާސީ ބޭފުޅުންގެ މައްސަލަތައް ވެސް ބައްލަވާފައިވެ އެވެ.