ރޯދަ މަސް

ރޯދައިގެ ހަގީގީ މާނަ

ރޯދައިގެ އަޅުކަން ފަރުޟު ކުރެއްވުމުގެ ޙިކުމަތަކީ މާތް ﷲ އަށް ތަޤްވާވެރިވުމެވެ. މިކަން ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ (البقرة: 183) މާނައީ: "އޭ އީމާންވެގެއްޖެ މީސްތަކުންނޭވެ. ތިޔބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." ތަޤުވާވެރިވުމަކީ، މާތް ﷲ އަށް ބިރުވެތިވުމެވެ. އަދި އެއިލާހު އަމުރު ކުރެއްވި ކަންތައްތައް ކޮށް ނަހީކުރެއްވި ކަންތައްތަކުން އެކިބާވުމެވެ.

ރޯދައިގެ ބޭރުފުށުގެ އަސަރުތަކަކީ ބަނޑުހައިހޫނުކަމާއި ކަރުހިއްކުމެވެ. އެހެނެއްކަމަކު، ރޯދައިގައި އެއަށްވުރެ މާ ފުން ޙަޤީޤަތްތަކެއް އެކުލެވިގެންވެއެވެ. އެހެނީ ޙަޤީޤީ ރޯދައަކީ ހުރިހާ ގުނަވަންތައް އެކުގައި ރޯދައަށް ބެހެއްޓުމުން އަދާކުރެވޭ އަޅުކަމެކެވެ. އަތްފައިން ފާފަތަކަށް އަރައިގަތުމުން އެއްކިބާވެގެން ހުރެ ހިފާ ރޯދައެވެ. ފާޙިޝް މަންޒަރުތައް ބެލުމާއި އަޑު އެހުމާއި، އެފަދަ ވާހަކަތައް ދެއްކުމުން އެއްކިބާވެ ހުރެ، ތިމާގެ ފެނުމާއި އިވުމާއި ދުލުން ހިފާ ރޯދައެވެ. ކެއިން ބުއިމުން އެއްކިބާވެހުރެ ތިމާގެ އެތެރެ ހަށީގެ ގުނަވަންތަކުން ހިފާ ރޯދައެވެ.
ކަން މިހެން އޮތްއިރު، ކެއުން ބުއިމުގެ ސަބަބުން ރޯދަ ގެއްލޭފަދައިން، އެހެނިހެން ގުނަވަންތަކުން ކުރާ ފާފަތަކުގެ ސަބަބުން ރޯދައި ސަވާބު އުނިކުރެއެވެ. އަދި ރޯދައިގެ ޙަޤީޤީ ފައިދާ ގެއްލުވާލައެވެ. ހުރިހާ ގުނަންވަތައް ރޯދަ ހިފުމުގައި ބައިވެރި ނުވާނަމަ، ނުކައި ނުބައޮ ހުރުމަކީ ރޯދަ ނުހިފުމެކޭ އެއްފަދައެވެ.

މިސަބަބަށްޓަކައި، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "(ރޯދައަށް ހުރެ) ހަޑިހުތުރު ބަސްތައް ބުނެ، އެފަދަ ޢަމަލުކުރުން ހުއްޓައިނުލާ މީހާ ދަންނާށެވެ! ފަހެ، އޭނާ ހަމައެކަނި ނުކައިނުބޮއި ހުންނަ ހުރުމަކީ، އެކަމުގައި ﷲ އެދިވޮޑިގެންވާ ގޮތެއް ނޫނެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.)

ރޯދައިގެ އަޅުކަމުގައި ނުކައި ނުބޮއި ހުރެގެން ލިބޭ ބަނޑުހައި ހޫނުކަމާއި ކަރުހިއްކުމަށްވުރެ މަތިވެރި މާނައެއް ހިމެނިގެންވެއެވެ. އެއީ ތަޤުވާވެރިވުމަށް ނަފްސު ތަރުބިއްޔަތު ކުރުމެވެ. އިންސާނާގެ ޠާހިރު ފިޠުރަތުގައި، އޭނާގެ ނަފްސަށް ހެޔޮ ކަންކަމަށް އަމުރު ކުރުމުގެ ބައެއް ވެއެވެ. އޭނާ ހެއްދެވި ޚާލިޤުވަންތަ އިލާހު އޭނާއަށް ލެއްވި މަތިވެރި ނިޢްމަތްތަކަށް އިޢްތިރާފު ވުމާއި، އެއިލާހަށް ލޯބިވުން އެއީ ޠަބީޢީ ގޮތުން އިންސާނާގެ ކިބައިގައި ލައްވާފައިވާ ކަމެކެވެ. ހަމައެފަދައިން، އިންސާނާގެ ޠާހިރު ފިޠުރަތުގައި، ނުބައި ކަންކަމަށް ނަފުރަތު ކުރުމާއި، ނުބައި ޢަމަލުތަކަށް އަރައިގަތުމުން އެއްކިބާވުމަށް އަމުރުކުރުމުގެ ބައެއްވެއެވެ. ރޯދައިގެ އަޅުކަމަކީ އިންސާނާގެ ކިބައިގައި ލައްވާފައި މި ސާފު ފިޠުރަތުގެ ރޫޙު ފާޅުކޮށްދީ، އޭނާގެ ހިތުގައިވާ އީމާންކަމުގެ ހުޅުކޮޅު ރޯކޮށްލަދޭ އަޅުކަމެކެވެ.

ރޯދަމަހަކީ އަޅުކަމުގެ މައްސަރެއް ކަމުގައިވީހިނދު، އެ މައްސަރުގެ ނަމާދާއި، ރޯދައާއި، ރޭ އަޅުކަމާއި، ޤުރްއާން ކިޔެވުމާއި، ދުޢާކުރުމާއި، ޒިކުރު ކުރުމާއި އަދި އެނޫންވެސް އެހެން އަޅުކަމުގެ ސަބަބުން، އިންސާނާގެ ސާފު ފިޠުރަތުގައިވާ ހެޔޮކަމުގެ ބައި ވަރުގަދަކޮށްދެއެވެ. ރޯދައިގެ އަޅުކަމުގައި ހޭދަކުރާ ވަގުތަކީ، ޢާއްމު ޙާލަތުގައި އޭނާއަށް ޙަލާލު ކުރައްވާފައި ކެއިން ބުއިންފަދަ ކަންކަމުން އެއްކިބާވެ ހުންނަޖެހޭ ވަގުތެކެވެ. މާތް ﷲ ޙަލާލު ކުރައްވާފައިވާ މީރު ފެންފޮދުވެސް ނުބޮއެ، ފަޖުރުއްޞާދިޤު އަލިކަން ފާޅުވީއްސުރެ އިރު އޮއްސެންދެން ހުރެވިއްޖެ މީހަކަށް، މާތް ﷲ ނަހީކުރެއްވި ޢަމަލުތަކުން ދުރުހެލިވެ އެއްކިބާވުމުގެ ހިތްވަރު އިތުރުވެގެން ދެއެވެ.

އަޅުގަނޑުމެންގެ މުޖްތަމަޢުން ފެންނަ މިސާލަކަށް ބަލައިލަމާ ތޯއެވެ. ދުންފަތުގެ އިސްތިޢްމާލު ކުރުމަކީ ނުވަތަ ސިނގިރޭޓު ބުއިމަކީ އެކަމުން ހަށިގަނޑަށް ގެއްލުންދެނިވި ވިހަ މާއްދާތަކެއް ވައްދައި ކެންސަރު ޖައްސާ އެއްޗެކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އެއަށް ދެވިހިފާފައިވާ މީހާ، އެކަމުން ސަލާމަތްވެގަންނަން އުނދަގޫ ކަމެއްކެވެ. ނަމަވެސް ރޯދައިގެ އަޅުކަމަކީ، މި ނުބައި އާދައިން ސަލާމަތްވުމަށް ލިބޭ ފުރުސަތެކެވެ. އެގޮތުން، ދުވާލުގެ ބޮޑުބައިގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވެ ހުރެވިއްޖެ މީހާ، އެކަން މުޅީން އެކުގައި ދޫކޮށްލުމަށް ލިބޭ ހިތްވަރު ބޮޑުވެގެން ދެއެވެ.

ރޯދަ މަސް އަތުވެއްޖެނަމަ، އުޑުތަކުގައި ނިދާ އިއްވޭކަމުގައި ޙަދީޘްފުޅުތަކުގައިވެއެވެ. "އޭ ހެޔޮކަމަށް އެދޭ މީހާއެވެ. އަވަސްވެ ގަންނާށެވެ. އަދި އޭ ނުބައިކަމަށް އެދޭ މީހާއެވެ. (އެނުބައިކަމުން) އެއްކިބާވާށެވެ!" މިފަދަ ބަސްފުޅުގެ ޙަޤީޤީ މާނަ އިސްވެ ބަޔާންކުރެވުނު ވާހަކައިން އެނގިގެން ދެއެވެ. ރޯދަމަހުގެ ނަމާދާއި، ރޯދައާއި، ރޭ އަޅުކަމާއި، ޤުރްއާން ކިޔެވުމާއި، ދުޢާކުރުމާއި ޒިކުރުކުރުންފަދަ އެންމެހައި އަޅުކަމެއްގެ ސަބަބުން، ހެޔޮކަމުގެ މަތީގައި ނަފްސު ދަމަހައްޓަން ބޭނުންވާ މީހާއަށް އެކަމަށް ފަހި ފުރުސަތެއް ލިބިގެންދެއެވެ. އަދި ނުބައިކަމުން އެއްކިބާވާން އެދޭ މީހާއަށް ހިތްވަރެއްކަމުގައި ވެގެން ދެއެވެ.

"ރޯދައަކީ އައްޑަނަކެވެ." ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މުރާދަކީވެސް އެއީއެވެ. އެރޯދައިގެ ސަބަބުން، ނުބައިކަމުން ތިމާ ރައްކާތެރިކޮށްދޭތީއެވެ. އަދި އާޚިރަތުގައި ރޯދައިގެ އަޅުކަމަކީ ނަރަކައިގެ އަލިފާނުން ސަލާމަތް ކޮށްދެއްވާ އަޅުކަމެއް ކަމުގައިވެސް ވާތީއެވެ.
މި މާތް މައްސަރުގައި ނަފްސު ތަމްރީނުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ކާމިޔާބީއަށް އެދޭ މީހާ ކުރަންޖެހޭ ކަމެކެވެ. އަދި މި ފުރުސަތުގެ ބޭނުން ނުހިފައިފި މީހާއަކީ ހެޔޮކަމުން މަހުރޫމު ވެފައިވާ މީހެއްކަމުގައި މެނުވީ ނުވެއެވެ.