ބޮލީވުޑް

ކްރީތީ އާއި ކާރްތިކް؛ އާ ލޯބީގެ ޖޯޑެއްތަ؟

ކްރީތީ ސެނޯން އާއި ކާރްތިކް އާރްޔަން އެކުގައި ކުޅޭ "ޝެހެޒާދޭ" ގެ ޝޫޓިންގްއަށް ދެ ތަރިން މޮރިޝަޝްގައި ގިނަ ދުވަސް ތަކަކު ތިބުމަށްފަހު މިހާރު ވަނީ އެނބުރި މުމްބާއި އަށް ގޮސްފަ އެވެ. ދެ އެކްޓަރުން މޮރިޝަޝް އިން މުމްބައި އެއާޕޯޓަށް ފައިބައިގެން ގޮސް ކާރަށް އަރާ މަންޒަރުގެ ވީޑީއޯތައް މިހާރު ސޯޝަލް މީޑީއާގައި ދައުރުވަމުން ދާއިރު ދެ ތަރިންގެ ފޭނުން ބުނަނީ އެމީހުން އުންމީދު ކުރި ގޮތަށް ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާކަން ޔަގީން ކަމަށެވެ.

ކޮމެންޓުކުރި ފޭނުން ބޭނުންވަނީ ވީހާވެސް މި ގުޅުން ރަސްމީ ކޮށްލުމަށެވެ. އަދި ބޮލީވުޑްގެ ކައިވެނީގެ މޫސުމަށް ވާތީ މާ ގިނަ ދުވަސް ނުކޮށް ދެ މީހުން ކައިވެނި ކުރާތަން ބަލާލަން ބޭނުން ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

ކްރީތީ އާއި ކާރްތިކްގެ ލޯބީގެ ގުޅުމާ މެދު މީހުންގެ ހިތުގައި ފުރަތަމަ ޝައްކު އުފެދުނީ މޮރިޝަޝްގައި ހުރެގެން ހޮނިހިރު ދުވަހު ކާރްތިކް ޝެއާކުރި ފޮޓޯ ތަކަކުންނެވެ. ކްރީތީ އާއެކު އޭނާ ނަގާފައިވާ މި ފޮޓޯތަކުގެ ކެޕްޝަންގައި ކާރްތިކް ލިޔެފައި ވަނީ "ލޯބި އަންހެންކުއްޖާ ކްރީތީ ސެނޯން" މިހެންނެވެ. އަދި މި ލޯބި އަންހެންކުއްޖާ އާ ބައްދަލުވީ މޮރިޝަސް އިން ކަމަށް ވެސް ކެޕްޝަންގައި ކާތިކް ލިޔެފައި ވެއެވެ.

ކްރީތީ އާއި ކާރްތިކްގެ "ޝެހެޒާދޭ" ގައި މި ދެ ތަރިންގެ އިތުރުން ޕަރޭޝް ރާވަލް، ރޯހިތު ރޯއީ، މަނީޝާ ކޮއިރާލާ އަދި ސަޗިން ކެޑޭކަރް އާއި އަންކޫރް ރާތީ މުހިއްމު ރޯލުތަކުން ފެންނާނެ އެވެ. މިއީ ރޯހިތު ދަވަން ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ ތަމަޅަ ފިލްމެއްގެ ރިމޭކެކެވެ.