ބޮލީވުޑް

"ޝެހެޒާދާ"ގެ ޕްރޮޑިއުސަރަކަށްވީމަ ކާރްތިކް އަށް ބޮޑު ގެއްލުމެއް

ކާރްތިން އާރްޔަން އާއި ކްރީތީ ސެނޯން ކުޅެފައިވާ "ޝެހެޒާދާ" ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއިރު ބޮކްސް އޮފީހުގައި މި ފިލްމަށް މާ އެދެވޭ ރަނގަޅު ނަތީޖާއެއް ނުނެރެވޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. ހީކުރި ވަރާ ގާތަށް ވެސް ފުރަތަމަ ދެ ދުވަހު ފިލްމު ހިނގާފައި ނުވާ ކަމަށް ބޮކްސް އޮފީސް ރިޕޯޓުން ވެސް އެނގެ އެވެ.

މިއީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ކާރްތިކް ފައިސާ ޚަރަދުކޮށްގެން އުފެއްދި ފިލްމެކެވެ. އެހެންކަމުން މި ފިލްމު އޭނާ ކުޅެފައިވަނީ އެއްވެސް އުޖޫރައަކާ ނުލަ އެވެ.

ފިލްމު ކުޅެން އޭނާއަށް ދިން ފައިސާ އަނބުރާ ރައްދުކުރުމަށްފަހު އެ ފިލްމުގެ ކޯ-ޕްރޮޑިއުސަރަކަށް ވާން ނިންމި ސަބަބު ދާދިފަހުން ކާރްތިކް ދީފައިވާ އިންޓަވިއު އެއްގައި ކިޔައިދީފައި ވެއެވެ.

"އެންމެ ކުރިން އަހަރެން ޕްރޮޑިއުސަރަކަށް ވާގޮތަކަށް ނޫން އޮތީ. އެހެންވެ ފިލްމަށް އަހަރެން ކީ އަގުވެސް އަހަރެން ނެގިން. ނަމަވެސް ފަހުން ފިލްމަށް ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވެ ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވި. އެ ދަނޑިވަޅުގައި އަހަރެން ޕްރޮޑިއުސަރު ކައިރީ އެހިން އަހަރެން ފިލްމު ކުޅެދޭން ނެގި އަގު އަނބުރާ ރައްދުކޮށްފައި ކޯ-ޕްރޮޑިއުސަރަކަށް ވިޔަސް ހެޔޮހޭ. އޭނާ އެގޮތަށް އެއްބަސްވުމުން އަހަރެން އެ ފައިސާ ރައްދުކޮށް ފިލްމުގެ އެއް ޕްރޮޑިއުސަރަށް ވީ،" ކާރްތިކް ބުންޏެވެ.

މިހާރު ލަފާ ކުރެވޭ ގޮތުގައި މި ފިލްމުގެ ޕްރޮޑިއުސަރަށް ވުމާ ގުޅިގެން ކާރްތިކް އަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ އެވެ. ސަބަބަކީ ފިލްމަކީ އެކްޝަން ފިލްމަކަށް ވެފައި ފިލްމު އުފައްދަން ވަރަށް ބޮޑު ހަރަދެއް ކޮށްފައި ވުމެވެ. އަދި އެއާ ގާތްކުރާ ވަރަށް ވެސް ފިލްމެއް ލިބޭނެކަމަށް މިހާރު ލަފާ ނުކުރެވޭތީ އެވެ.