ފަޒްނާ އަހުމަދު

ޗައިނާ ސަފީރު މެޑަމް ފަޒްނާއާ ބައްދަލު ކުރައްވައިފި

Apr 18, 2022

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާ ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރު ކުރީގެ ވަގުތެއްގައި މިބައްދަލުކުރެއްވުން ކުރިއަށް ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު -- މުލީއާގޭގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ދެމުން އަންނަ އެއްބާރުލުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މި އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވައި ޗައިނާގެ ސަފީރު ވަނީ އެ މުނާސަބާ ފާހަގަކުރުމަށް ރޭވިފައި ހުރި އެކިއެކި ޕްރޮގްރާމުތައް ހިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމާ ހުރެ މުޅި ދުނިޔޭގައި އާންމު ދިރިއުޅުމަށް ބުރޫއަރައި ކުރިމަތިވި ދަތިތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ އެ ގައުމުގެ ފަތުރުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ހިއްސާކުރައްވާފަ އެވެ. ހަމައެހެންމެ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ތައުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވައި ސަފީރު ވަނީ ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމަށް ތައރީފް ކުރައްވާފަ އެވެ.

މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން މަތީ ތައުލީމު ހާސިލްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވެފައި ތިބި ގިނަ އަދަދެއްގެ އަންހެން ކުދިންނަށް އެކަމުގެ ފަސޭހަކަން ލިބިގެންގޮސްފައިވާ ކަން ފާހަގަކުރެއްވި އެވެ.