މާފުށި

ކައުންސިލްގެ ވިސްނުން، އާމާފުށި އިމާރާތް އުސްނުކުރުން

Apr 19, 2022

މާފުށީ ފަޅަށް ލޯންޗް ވަންނަމުން ދިޔައިރު ހިތަށް އެރީ މިއީ ހަމަ ދެވަނަ މާލެ އެވެ. ހަގީގަތަކީ މިހާރު މިއީ ހަމަ މާލެ ފަދަ ކޮންކިރީޓް އައިލެންޑެވެ. ހަލުވިކަމާއެކު މި ރަަށުން ބަދަލުވަމުން މިދަނީ އައިލެންޑް ލައިފް ގެއްލި "ކުޑަ ސިޓީ" އަކަށެވެ. ޓޫރިޒަމް ވިޔަފާރީގެ ވާދަވެރިކަމާއެކު ހަލުވި ދުވެލި ހަލުވިކޮށް ހުރި މި ރަށް މި ދަނީ އުސް އިމާރާތްތަކުން ފުރެމުންނެވެ. ނަމަވެސް، މި ރަށުގެ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ އާ ރަށް އަލަށް ހިތްކައިގެން ހެދި "އާމާފުށި" މިގޮތަށް ވާން ދޫކޮށްލުމުގެ ވިސްނުމެއް މިހާރުގެ ކައުންސިލުގައި ނެތެވެ. ކައުންސިލުން ބޭނުން ވަނީ އާމާފުށި ވިލެޖް ކޮންސެޕްޓުގެ ތަފާތު "ޖަޒީރާ ވަންތަ" މާހައުލެއް ފެންނާނެ ރީތި ރަށެއްގެ ގޮތުގައި ފެނުމެވެ.

"މިހާރު މާފުށި މިހުރީ އުސްކޮށް ނަގާފަ، އެހެންވެ މިކޮޅުގައި ހުރި ހުރިހާ ފަރާތް ތަކަށް އުސްކޮށް ނަގަން ފުރުސަތު އޮންނަން ވާނެ. ބޭނުން ވަނީ މާފުއްޓަށް އަންނަ ޓޫރިސްޓުންނަށް ދެ ސައިޑެއް ފެނުން. އެ ކޮޅަކީ [އަލަށް ހިތްކި ރަށަކީ] ރޫރަލްކޮށް ވިލެޖް ކޮންސެޕްޓަށް އޮންނަ ރަށެއްގެ ގޮތުގައި އޮވެފައި، މި ކޮޅުން ސިޓީ ލައިފެއް ފެނުން،" ކ. މާފުށީގެ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އެރަށުގައި ހުންނަވާ ވިދާޅުވި އެވެ.

ބޭނުންވަނީ މާފުއްޓަށް އަންނަ ޓޫރިސްޓުންނަށް ދެ ސައިޑެއް ފެނުން. އެ ކޮޅަކީ [އަލަށް ހިތްކި ރަށަކީ] ރޫރަލްކޮށް ވިލެޖް ކޮންސެޕްޓެއް އޮންނަ ރަށެއްގެ ގޮތުގައި އޮވެފައި، މި ކޮޅުން ސިޓީ ލައިފެއް ފެނުން
ހަސަން ސޮލާހް | މާފުށީގެ ކައުންސިލްގެ ރައީސް

އެކަމަށްޓަކައި ކައުންސިލުން ދަނީ ބުރަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެކަމަށް މަގުފަހި ކުރުމުގެ ގޮތުން 25 ހެކްޓަރުގެ ބިން ހިއްކައިގެން ހެދި އާމާފުށީގެ ލޭންޑްޔޫސް ޕްލޭން- ބިން ބޭނުން ކުރުމުގެ އުސޫލާއި ބިލްޑިން ކޯޑް- އިމާރާތްތައް ކުރެވޭނެ އުސޫލު- ހަދައި މަތި މައްޗަށް އިމާރާތް ނެގުން ކޮންޓްރޯލް ކުރަން ކައުންސިލުން ބޭނުންވެ އެވެ.

ގޯތިދޭނެ، ބިން ވެސް ވިއްކާނެ

ސޮލާހު ވިދާޅުވީ މި ވަގުތު ރައްޔިތުން ބޭނުންވާ އެންމެ ބޮޑު ކަމަކީ މާފުށިން ގޯތި ދިނުން ކަމަށާ އެކަން ކުރަން ލޭންޑް ޔޫސް ޕްލޭން ހަދައި ހިޔާލަށް ހުޅުވާލުމުގެ މަރުހަލާގައިވާ ކަމަށެވެ. އާމާފުށީގައި ވަކިން ޓޫރިޒަމް ޒޯނެއް ލުމުގެ ވިސްނުމެއް ރައްޔިތުންނާއި ކައުންސިލްގެ ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ލޭންޑް ޔޫސް ޕްލޭންގެ 90 ޕަސެންޓް ނިމިފައިވަނީ. ޑްރާފްޓް މިހާރު ރައްޔިތުންނާ ވެސް ހިއްސާ ކުރެވިއްޖެ. މި ހަފުތާ ތެރޭގައި ހިޔާލަށް ހުޅުވާލާނަން. އެއަށްފަހު އިތުރުކަމެއް ނެތިއްޔާ އެ ޕްލޭނިން އަށް ފޮނުވޭނެ، އޭރުން އިރާދަކުރެއްވިއްޔާ ދެ ތިން މަސް ތެރޭގައި ގޯތި ދިނުމުގެ އުސޫލު ހަދައި ހުޅުވާލެވޭނެ،" ބްރިޖަކުން ގުޅާލަން ނިންމާފައިވާ ރަށާ ބެހޭ ގޮތުން، ސޮލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ މާފުށީގެ ލޭންޑް ޔޫސް ޕްލޭނަށް ބަލާނަމަ 302 ގޯތި ވަރު ނެގޭ ކަމަށާ ގޯތިޗެއްގެ ބޮޑު މިނުގައި 1،500 އަކަފޫޓު ހުންނާނެ ކަމަށެވެ. މީގެ އިތުރުން ބިން ތަކެއް އާއްމުކޮށް ވިއްކަން ވެސް ކައުންސިލްގެ ވިސްނުން އެބަހުރި ކަމަށް ސޮލާހު ވިދާޅުވި އެވެ.ގޯތިދޫކުރަން ކައުންސިލުން ދާއިރު މި ރަށުގައި މިހާރު ވެސް 18 އަހަރުން މަތީގެ 1،400 މީހުން އެބަތިއްބެވެ.

"އޭގެން އެންމެ ޝަރުތު ހަމަވާ މީހުންނަށް ގޯތި ލިބޭނީ. މި ގޯތިތަކުގެ އިތުރުން ޕްލެޓް އަދި ރޯހައުސް އަށް ވެސް ބޮޑު ޖާގައެއް ބާއްވާފަ އޮންނާނެ،" ސޮލާހު ވިދާޅުވި އެވެ

ކުނި މެނޭޖު ކުރަން ފަށަނީ

އާ މާފުށީގެ ހުވަފެން މި ރަށުގެ ރައްޔިތުންގެ ވިސްނުމުގައި ހުރިއިރު މިހާރު މީހުން ދިރިއުޅޭ މި ރަށް މީހުން އުޅެވޭނެ އެކަށީގެންވާ ރަށަކަށް ހެދުންވެސް އޮތީ ގޮންޖެހުމަކަށްވެފަ އެވެ. ގާތްގަނޑަކަށް އަހަރަކު 40 މިލިއަން
ޑޮލަރު ދައުރުކުރާ 1500 އެނދުގެ ކުޑަ މި ރިސޯޓެއް ފަދަ ރަށުގެ އުމްރާނީ ތަރައްގީގެ ކަންކަން ހުރީ މި ވަރުގެ ރަށެއްގައި ހުންނަ ޖެހޭ ފެންވަރަކު ނޫނެވެ. ރަށުގެ މަގުތަކުން ފެންނަނީ އަޑި ގުޑަން ތަކެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ރަށުގެ މަގު ހަދަން މި ރަށުގެ ރައްޔިތުން ބޭނުން ނުވަނީ ހެއްޔެވެ؟ ނޫނީ ސަރުކާރުން ހަދައި ނުދެނީ ހެއްޔެވެ؟

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޮލާހު ވިދާޅުވި ގޮތުގައި މަގުތައް ނުހެދި އޮތީ ރަށުގައި އުފެދުނު ހިޔާލު ތަފާތު ވުމެއްގެ ސަބަބުންނެވެ.

"އަޅުގަނޑުމެން މަގު ހަދަން ބޭނުންވެ އެކަމަކު ހިޔާލު ތަފާތު ތަކެއް އުޅެނީ. ބައެއް ބޭފުޅުން މަގު ހަދަން ބޭނުންވޭ އަނެއް ބަޔަކު ބޭނުމެއް ނުވޭ. އެކަމަކު ފެން ހިންދުމުގެ ބައި ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ. އެކަމަަށްޓަކައި
އާރުޑީސީއާ އެބަ ވާހަކަ ދައްކަން އެފަދަ ނިޒާމު ތަކެއް ގާއިމް ކުރަން،" ސޮލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ކޮންމެ ވެސް މަގު ތަކެއް ހެދެން އެބަޖެހޭ. މިކޮޅުގައި ނުކުޅެދޭ ކުދިން ވެސް އުޅޭ. އެ ކުދިން ވެސް ވީލްޗެއާގައި ދުއްވާލެވެން ޖެހޭ،"

އޭނާ ވިދާޅުވީ މި ރަށުގެ ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސްޓެލްކޯއާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ނެތް ކެޕޭސިޓީއެއް. އެހެންވެ ސަރުކާރާ ވާހަކަ ދައްކައިގެން ސްޓެލްކޯއާ ވާހަކަ ދައްކަނީ. ކުރިއަށް އޮތް ދެ މަސްތެރޭގައި ކުނީގެ މައްސަލަ ހައްލު ކުރަން ފަށާނަން."