ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށް މި ސަރުކާރަށް ހީވި ނަމަވެސް ރައްޔިތުންގެ 50 ޕަސެންޓް ތާއީދު ނުލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވެވި މެސެޖެއްގައެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުން ވަަރަށް އުނދަގޫ ވާނެ ކަމަށެވެ. އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާ ގިނަ ގޯސްތައް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ގޯސްތައް އެއް ބަޔަކު ގަބޫލު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރަށް އަމާޒު ކުރައްވާ ނަޝީދު ވިދާޅުވީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށް މި ސަރުކާރަށް ހީވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓަށްވުރު އިތުރަށް ހޯދާން ވަރަަށް އުނދަގޫވާނެ ކަމަށް. މާގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ހީވަނީ 50 ޕަސެންޓަށްވުރު އިތުރަށް ހޯދާން ވަރަަށް އުނދަގޫވާނެ ކަމަށް. މާގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށްމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
ނަޝީދުގެ އިތުރު މެސެޖެއްގައި ވިދާޅުވީ މި ހިނގަނީ ވަރަށް ގިނަ ފައިސާ އަނބުރާ ދައްކަން ޖެހޭ އަހަރެއް ކަމަށެވެ. އަދި ވަރަށް ރިސްކު ބޮޑު އަހަރެއް ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ބަލާ ނުލާ ކަމަށެވެ.
ނަޝީދު އެ އިޝާރާތް ކުރައްވަނީ ދައުލަތުން ނަގާފައިވާ ލޯނުތަކަަށް އަނބުރާ ފައިސާ ދައްކަން ޖެހޭ ޖެހުމަށެވެ.
އެމަނިކުފާނު ވަނީ މަސްވެރިންނާމެދު ސަރުކާރުން އަމަލު ކުރާ ގޮތަށްވެސް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުމުގެ ކަންކަން ނުކުރެއްވުމަށް ތަކުރާރުކޮށް ދެންނެވި ކަމަށެވެ. އަދި މިހާރު މިފްކޯގެ ކަންތައްތައްވެސް ނުކުރެވި އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ރަށްރަށު މަސްޕްލާންޓް ވެސް ނުހެދުނު ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވިއިރު ރައީސް ސޯލިހްއާ އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ހީނަރުވެފައެވެ. އެމްޑީޕީ ދެ ބަޔަކަށް ބެހި ޕާޓީގެ ޕީޖީ ގުރޫޕާއި ގައުމީ މަޖިލީހުގެ މެންބަރުންވެސް ތިބީ ދެ ބަޔަކަަށް ބެހިފައެވެ.
ރައީސް ސޯލިހަށް ތާއީދު ކުރާ މެންބަރުން ސަރުކާރު ދިފާއު ކުރަމުންދާއިރު ނަޝީދަށް ވަފާތެރި މެންބަރުން ގެންދަވަނީ ސަރުކާރަށް ކަމެއް ނުވާކަން ދައްކަމުންނެވެ. ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕް މިއަދު ވަރަށް ހޫނުވި އެވެ. ދެ ފެކްޝަންގެ މެންބަރުން ވަރަށް ހުތުރުކޮށް އެއް ބޭފުޅަކު އަނެއް ބޭފުޅަކަަށް ބަހުގެ ހަމަލާ ދެއްވިއެވެ.
ބައެއް މެންބަރުންނަށް ބަނގުރާ ބޯ ކަމުގެ ތުހުމަތު ކުރެއްވިއިރު ބައެއް މެންބަރުން ވަނީ އެހެން މެންބަރަކަށް އަމާޒުކޮށް ޒިނޭގެ ތުހުމަތުވެސް ކުރައްވާފައެވެ. މެންބަރުންގެ ޒުވާބު އެ މިންވަރަށް ހޫނުވިއެވެ.