ކާނާ

ކްރީމް ޗީޒްޕައި މީރުވާނެ

ރޯދަ މަހަކީ އެންމެން ވެސް އެކި ޒާތުގެ ރަހަތަކުގެ މީރު ކާ އެއްޗެތި ތައްޔާރު ކުރާ މަހެކެވެ. އެކި ރެސިޕީތައް ފެންނަ އިރު މީއީ ވެސް ތައްޔާރު ކޮށްލަން ފަސޭހަ އެންމެނަށް ކަމުދާނެ ރެސިޕީ އަކަށް ވެދާނެ އެވެ.

ބެނުންވާނެ ތަކެތި

200 ގްރާމް ބަޓަރު
300 ގްރާމް ފުށް
ދެ ބިސް
ރަހަލާ ވަރަށް ލޮނު ކޮޅެއް
1 ޖޯޑު ފެނު ކެއްކި ކުކުޅު ކުޑަކޮށް މުގުރާލާފައި (ކުކުޅު ފެނު ކައްކާނީ ރަހަލާވަރަށް ލޮނުކޮޅަކާއި މުގުރި އަސޭމިރުސްކޮޅެއް އެޅުމަށްފަހު)
1 ޖޯޑު ޗީޒް (ބޭނުންވައްތަރެއްގެ)
1 ޖޯޑު ޒުވާރި ފެނު ކައްކާފައި، ކުޑަ ލޮނުކޮލެއް އަޅައިން
1 ޖޯޑު ފެހި އޮށް ފެނުކައްކާފައި ކުޑަ ލޮނުކޮޅެއް އަޅައިން
އާދައިގެ ތިން ޓޮމާޓޯ ކުދިކޮށް ކޮށާފައި
ބައި ޖޯޑު ޒައިތޫނި (އޮލިވްސް)

ރައްޔާރުކުރާނެގޮތް

ބަޓަރާއި ލޮނާއި ބިސް އަދި ފުށް ރަނގަޅަށް އެއްކޮއްލާށެވެ. ފުށްގަނޑު މޮޑޭހެން ހުރިހާ އެއްޗެއް އެއްކޮށް މޮޑެލާށެޥެ. ދެން ފުއްގަނޑު ދެބަޔަށް ބަހާލުމަށް ފަހު ބޭކިން ޓްރޭ އެއްގައި އެއިން އެއްބައި ފަތުރާލާށެވެ. އެއަށް ފަހު ކުކުޅުކޮޅު ޓްރޭގެ ތެރެއަށް އަޅަލައިފައި އޭގެ މައަޗައް ޒުވާރިއާއި ފެހިއޮށާއި ޓޮމާޓޯ އާއި ކުކުޅު ކޮޅާއި އޮލިސްވް އަދި އެންމެ މައްޗައް ޗީޒްކޮޅު އަޅަލައިފައި ތީރިކޮށް ޓްރޭ ތެރޭގައި ފަތުރާލާށެވެ. ބާކީ އޮތް ފުއްކޮޅު ރޮށިދަމާ އެތިން ދަމާލާފައި ޓްރޭގެ މަތި ފޮރުވޭ ވަރަށް ފަތުރާލައިފައި ކައިރިތައް ޓްރޭގައި ތައްކޮށްލާށެވެ. 180 ޑިގްރީ ހޫނުމިނުގައި އަވަން ތެރޭ 15 މިނެޓްވަންދެން ފިހެލާށެވެ.

މީ ރޯދަވިއްލާގަޑީގަ އާއި އާއިލީ އެއްވުންތަކުގެ އިތުރުން ތަރާވީސް ގަޑިއަށް ވެސް މީރު ޕައިއެކެވެ.