ލައިފްސްޓައިލް

އެއާ ހޮސްޓެސްއެއްގެ ވަދާއުން ކަރުނަ

ގިނަ ދުވަސްތަކެއް ވަންދެން އެއް ތަނެއްގައި އެއް މަސައްކަތެއްގައި އުޅުމަށްފަހު ކުއްލިއަކަށް އެތަނުން ވަކިވެގެން ދިއުމަކީ ކޮންމެ މީހަކަށް ވެސް ވަރަށް އަސަރު ކުރާނެ ކަމެކެވެ. އިންޑީގޯ އެއާލައިންގެ މި ހެއާ ހޮސްޓެސް އަށް ވެސް ވީ އެހެންނެވެ.

އެއާލައިންގެ ވަޒީފާ އިން ވަކިވެ އެންމެ ފަހު ފްލައިޓުގައި ކުރި އެންމެ ފަހު ދަތުރުގައި މި އެއާ ހޮސްޓެސް ވަނީ އޭނާއާއެކު ފްލައިޓްތަކުގައި ދަތުރުކުރި އެންމެންނަށާއި އެއާލައިންގެ ވެރިންނާއި މުވައްޒަފުންނަށް ވަރަށް އަސަރުގަދަ ވަދާއީ ސްޕީޗެއް ދީފަ އެވެ.

އެއާ ހޮސްޓެސް ސުރުބީ ނާއިރު ވަދާއީ ސްޕީޗް ދެނިކޮށް ވީޑީއޯކޮށް އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވަނީ އެ ދުވަހު ފްލައިޓުން ދަތުރުކުރި ފަސިންޖަރެއް ކަމަށްވާ އަމްރުތާ ސްރޭޝް އެވެ.

އެއާ ހޮސްޓެސް ސުރުބީ، ކަރުނައިން ފުރިފައިވާ ލޮލަކުން އެންމެންނަށް ޝުކުރު އަދާކޮށް އަލްވަދާއު ކިޔާ ވާހަކަ ދައްކާތަން ވީޑީއޯގައި ފެނެ އެވެ. އޭނާގެ ވާހަކަ އަޑުއަހާފައި ބޯޓުގައި ތިބި އެންމެން ވެސް ފެންކަޅިވެ އެވެ. އަދި ވީޑީއޯ ސޯޝަލް މީޑީއާއިން ބެލި އެތައް ބަޔަކަށް ވެސް ވަރަށް އަސަރުކޮށްގެން ކޮމެންޓުތައް ކޮށްފައި ވެއެވެ.

ގިނަ ބަޔަކު ބުނީ ސުރުބީ އަކީ ވަރަށް ހިތްހެޔޮ ރަނގަޅު އެއާ ހޮސްޓެސް އެއް ކަމަށެވެ. އަދި އޭނާ އެއާލައިން ވަޒީފާއިން ވަކިވެ ދިރިއުޅުމުގައި ކުރިޔަށްދާ ކޮންމެ ރޮނގަކުން ކާމިޔާބީއަށް އެދޭ ކަމަށް ވެސް ކޮމެންޓުތަކުގައި ބުނެފައިވެއެވެ.