ދިވެހި އިންޑިއާގެ ގުޅުން

ރައީސް އިންޑިއާ ނޭވީގެ ވެރިޔާއާ ބައްދަލު ކުރައްވައިފި

Apr 19, 2022

އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން މަރުހަބާ ވިދާޅުވެ، ވޭތުވެދިޔަ ތިން އަހަރު ރާއްޖެއާއި އިންޑިއާ އާއި ދެމެދު ދިފާއީ ގޮތުން އިތުރަށް ގުޅުން ބަދަހިކޮށްފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. އަދި އިންޑިއާ އިން ދިފާއީ ގޮތުން ދޭ އެއްބާރުލުމަކީ ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އަސާސް ކަމުގައިވެސް ވިދާޅުވި އެވެ.

އެޑްމިރަލްގެ ވާހަކަފުޅުގައި ކަނޑުމަތީގެ ރައްކާތެރިކަމުގެ ހަރަކާތްތަކާއި، ދެ ގައުމުގެ ސިފައިން ގުޅިގެން ހިންގާ ތަމްރީންތަކާއި، އިގްތިސޯދީ ހާއްސަ ސަރަހައްދު ބެލެހެއްޓުން ހިމެނޭހެން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ދިފާއީ ގުޅުން ބަދަހިކުރުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަކޮށްފައިވާއިރު އެކަމާ ގުޅޭ ހުރިހާ އެއްބަސްވުމެއް ދިވެހި ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ ދިފާއީ އެއްބަސްވުންތަކަކީ ހަމައެކަނި އިންޑިއާގެ މަސްލަހަތަށް އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކެކެވެ.