ފަޒްނާ އަހުމަދު

މެޑަމް ފަޒްނާ ޖަޕާން ސަފީރާ ބައްދަލުކުރައްވައިފި

Apr 19, 2022

ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދާ ބައްދަލުކުރައްވައިފި އެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު -- މުލީއާގޭގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ގައުމުން ވެސް ދެމުންގެންދާ އެއްބާރުލުމުގެ މައްޗަށް ވާހަކަ ދައްކަވާފަ އެވެ.

މެޑަމް ފަޒްނާ ވިދާޅުވީ ޖަޕާނު ސަރުކާރުން ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ވެދެއްވަމުން ގެންދަވަނީ އަގު ނުކުރެވޭހާ ގިނަ އެހީތަކެއް ކަމަށެވެ. އަދި ހާއްސަކޮށް ތައުލީމީ ދާއިރާއަށް ވެދެއްވަމުން ގެންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައިވެ އެވެ.

ޖަޕާނުގެ ސަފީރު ވަނ މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރު ކަމަށްވާތީ މި މުނާސަބާ ފާހަގަކުރުމަށް ކުރިއަށް ގެންދެވިދާނެ ބައެއް ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ އާއި ޖަޕާނުގެ ސަފީރު ވަނީ ސަގާފަތާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ތައުލީމީ އަދި އިޖުތިމާއީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފަ އެވެ.

ދިވެހި ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1967 ވަނަ އަހަރު އެވެ.