އެމްއެންޑީއެފް

ވީއައިއޭ ތެރޭގައި އުޅުނީ ޖަޕާން ސިފައިން، އެމީހުން ފުރައިފި: އެމްއެންޑީއެފް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިއްޔެ ފެނުނީ ރާއްޖޭގައި ޓްރާންސިޓް ކުރި ޖަޕާން ސިފައިންތަކެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ވީޑިއޯއެއް އާންމުކޮށް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ޗައިނާ ސިފައިންގެ ބައެއް ކަމަށެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ވީޑިއޯގައި ފެންނަ ބަޔަކީ ޖަޕަނީސް ސެލްފް ޑިފެންސް ފޯސްގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.

މި މީހުން ރާއްޖެ އަކީ ފޮރިން މިނިސްޓްރީއާއި ކަމާ ގުޅޭ އެހެން އިދާރާތަކުގެ ހުއްދަތައްވެސް ނަގައިގެން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

"އެ މީހުންގެ ދެ އެއާކްރާފްޓެއްގައި ރާއްޖެ އައީ. އެއީ ހަމަ ތެޔޮ އެޅުމާއި މިކަހަލަ ކަންކަމަށް ޓްރާންސިޓް ކޮށްލި ކޮށްލުމެއް. އެމީހުން މިހާރު ރާއްޖެ އިން ފުރައިފި،" އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ބުނާ މައްސަލަ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް މައްސަލަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައިވެސް އެންމެ ބޮޑަށް ބަހުސް ކުރެވުނު މައްސަލަތަކުގައި ތެރޭގައި ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ބުނާ މައްސަލަ އާއި ރާއްޖޭގެ މިނިވަންކަމުގެ މައްސަލަ ހިމެނެ އެވެ.