މޯލްޑިވްސް ކަސްޓަމްސް ސާވިސް

ގައުމީ ސަލާމަތަށް އެތެރެކުރާ ހުރިހާ އެއްޗަކުން ޑިއުޓީ ކަނޑާލެވޭ ގޮތް ހަދައިފި

ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އުސޫލު އިސްލާހުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް މި އިސްލާހު ގެނެސްފައިވަނީ އިއްޔެ އެވެ.

މި އުސޫލަށް މި އަހަރުގެ ކުރީކޮޅުވެސް އިސްލާހެއް ގެނަ އެވެ. އެ ފަހަރު ހަތިޔާރާއި ވަޒަނާއި އެ އެއްޗެހީގެ ބައިތަކާއި އެ އެއްޗެއްސާ ގުޅޭ ބައިތަކުން ޑިއުޓީ މައާފުނުކުރެވޭ ގޮތަށް އިސްތިސްނާކުރި އެވެ.

ކުރިން އޮތް ގޮތުން އެތަކެތި 35 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ.

އަލަށް ގެނައި އިސްލާހާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެ އެވެ.