އެމްއެންޑީއެފް

ސިފައިންގެ އެއާ ކޯ އިފްތިތާހުކޮށް ޔޫއޭވީ ތައާރަފްކޮށްފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެއާ ކޯ މިރޭ އިފްތިތާހުކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފްކޮށްފި އެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއާ ކޯ އިފުތިތާހުކޮށް، ޔޫއޭވީ ތައާރަފްކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އެއާ ކޯ އިފުތިތާހުކޮށް، ޔޫއޭވީ ތައާރަފް ކުރީ އެއްގަމާއި، ކަނޑާއި، ވައިގެ މަގުންވެސް ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ޑްރޯންގެ ހާއްސަ ސިފަތައް

  • 300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދޭނެ
  • 18،000 - 25،000 ފޫޓު މަތިން އުދުހެވޭނެ
  • ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުވޭނެ
  • ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭނެ
  • ޑްރޯންގެ ބޮޑުމިން 21 ފޫޓު
  • 70-120 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހެވޭނެ
  • ނައިޓް ވިޝަން އިމޭޖާއި ވީޑިއޯ ވަގުތުން ފޮނުވޭނެ

ދިވެހި ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ރަސްމީކޮށް ވައިގެ ބާރެއް އުފައްދައި، އެ ބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމަށް އެޅިގެންދާ ހަރުދަނާ އަދި މުހިއްމު ފިޔަވަޅެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

މި ރަސްމިއްޔާތުގައި ޔޫއޭވީ ތައާރަފުކޮށްދެއްވުމަށްފަހު، އެމްއެންޑީއެފް އިން ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވި އެވެ. އެއަށްފަހު އެމްއެންޑީއެފްއަށް ޔޫއޭވީ އާއި "އެއާ ސަވެއިލަންސް"ގެ ގާބިލުކަން ހޯދައިދިނުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ގައުމީ ދިފާއީ ބާރުން ވަނީ އަރުވާފަ އެވެ.

އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)ގެ ތެރޭގައި ހިމެނޭ ތިން ޑްރޯން އަކީ ތުރުކީ އިން ހަދިޔާކޮށްފައިވާ ތިން ޑްރޯން ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވިދާޅުވެފައިވެ އެވެ.