ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަން ތައްޔާރުވަނީ

ދިވެހި ދައުލަތުގެ އަމިއްލަ ވަސީލަތްތައް ގާއިމުކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ މަސައްކަތް މިމަހު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. މީދޫގައި އެރަށު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ބިމުގެ ބޮޑުމިނަށް ވުރެ އެތައް ގުނަ ބޮޑު ސަރަހައްދެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިއަދާ ހަމައަށްވެސް ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށާއި އެގޮތަށް ދިމާވީ އަމިއްލަ ގާބިލްކަން ގާއިމުކޮށްފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި މާޗު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެ މަސައްކަތް ފެށޭނެ. ހުއްޓުމެއްނެތި 24 ގަޑިއިރު ހުއްޓުމެއްނެތި މި ސަރަހަައްދު ބެލެހެއްޓޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ 99 ޕަސަންޓަކީ ކަނޑު ކަމަށްވެފައި އެއީ މަސްވެރިކަމުން ނަފާ ހޯދޭނެ ސަރަހައްދަކަށްވީ ނަމަވެސް ރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރީގެ ކުޑަ ސަރަހައްދެއް ނޫނީ މިހާތަނަށް ބެލެހެއްޓިފައި ނެތް ކަމަށެވެ.

"އެހެންވީމާ މި ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިއަސް ހަގީގަތުގައި އަޅުގަނޑުމެން ކުރާނެ ބޭނުމެއް ނެތް. އަދި އޭގެން ކޮންމެ ފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ދިވެހިންނަށް އަމިއްލަ ނުބެލެހެއްޓޭނަމަ ހަގީގީ މިނިވަންކަން އިހްސާސް ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ މިވެރިކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާ ގުޅިފައިވާ މިފަދަ ކަންކަމަށް އިސްކަންދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން އިންޑިއާ އާއި މަޝްވަރާކޮށްގެން އެ ގައުމުގެ ސިފައިންގެ ފުރަތަމަ ގުރޫޕް މިމަހު ރާއްޖެ އިން ފައިބާނެ އެވެ. އިންޑިއާ ސިފައިން ފޭބުމަށް ތައްޔާރުވާތީ އެ މީހުންގެ ބަދަލުގައި އިންޑިއާގެ މަދަނީ ބަޔަކު ވަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން މިހާރު ރައްޖެ އައިސްފަ އެވެ.