އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާއި ގުޅިގެން ގައުމީ މަޖިލީހުގެ މެންބަރުންގެ ގުޅުން ގޯސްވެ އެ ގުޅުން ބަދަހިނުކުރެވޭ ހިސާބަށް ކަންކަން ގެންގޮސްގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދި މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގްރޫޕްގައި ވަރަށް ހުތުރު ބަހުން ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވަނިކޮށެވެ. ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނަށް އަމާޒުކޮށް ހަށިވިއްކާ ކަމުގެ ތުހުމަތާއި ޒިނޭ ކުރާ ކަމުގެ ތުހުމަތު އަދި ރާބޯ ކަމުގެ ތުހުމަތުވެސް ބައެއް މެންބަރުން ކުރައްވާފައިވެއެވެ.
ބައެއް މެންބަރުންގެ ބަސް މަގު ހުރީ ދެން ދުވަހަކުވެސް އެ ބޭފުޅުންގެ ގުޅުން އަލުން ބަދަހިނުކުރެވޭނެ ފަދަ މޭރުމަކުންނެވެ.
މެންބަރުންގެ ބަހުސް އެ ހިސާބަށް ދިއުމުން މިނިސްޓަރު ފައްޔާޒް ވަނީ އެ ގުރޫޕްގައި ދިގު މެސެޖެއް ހިއްސާ ކުރައްވާފައެވެ. އެ މެސެޖްގައި ވިދާޅުވީ އޭނާ އުންމީދު ކުރައްވައިގެން ހުންނެވީ އެމްޑީޕީ ހިންގެވުމުގައި މިވަގުތު އޮތް ލީޑާޝިޕްގެ ބޭފުޅުން އެ ގުރޫޕްގައި ހިނގަމުންދިޔަ ބަހުސް ފިނި ކުރެއްވުމަށް ކޮންމެވެސް އެއްޗެއް ދަންނަވާނެ ކަމަށެވެ.
އަދި ފައްޔާޒް ވަނީ އެ ލީޑާޝިޕް ފެނިގެން ގޮސްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ފަހަށް އެދިވަޑައިގެންނެވީ ކެމްޕެއިންނާއި ގުޅުން ނެތް ބޭކާރު އަދި ޒާތީ ޒުވާބުތައް އެ ގުރޫޕްގައި ނުކުރެއްވުމަށެވެ. އެފަދަ ވާހަކަތައް ދައްކަވަން ބޭނުންވާ ބޭފުޅުން އެ ނޫން ޕްލެޓްފޯމެއް އިހްތިޔާރު ކުރެއްވުމަށްވެސް އެދިވަޑައިގަތެވެ.
"ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އެދެން ދަތިފުޅު ނޫން ނަމަ މި ގުރޫޕްގައި ބޭކާރުކޮށް މި ކެމްޕެއިންއާ ބެހޭ ގާޒީ ޒުވާބުނުކޮށް ބޭނުންފުޅިއްޔާ ބޭރުގައި ކެމްޕެއިން ކުރެއްވުމަށް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބެވީ ގޮތް ނިންމައިގެން ކަަމަށެވެ. އެހެން ކަމަށްވީއިރު އެ ފެންވަރަށް ވެއްޓި ގުރޫޕްގައި ޒުވާބުކުރުމުގެ ބޭނުމަކީ ކޮބައިތޯ ފައްޔާޒް ވަނީ ސުވާލު ކުރައްވާފައެވެ.
"ވޯޓް އިތުރުވެ ނުވަތަ ގެއްލޭނީކީއެއް ނޫން. ބުއްދިވެރި ކަމެއް ކަމަކަށް ނުފެނޭ. ރަހިމުގެ ގުޅުން ފަދަ ގުޅުމެއްގެ ގޮތުގައި ނޫން ނަމަވެސް ގައުމީ މަޖިލީސްގެ ގުޅުން އެހާ ބޮޑަށް މި ކަހަލަ ސިންޕަލް ކެމްޕެއިންއަކާ ހެދި ކަނޑާލަން ނުވާނެ،" ފައްޔާޒް ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ މެެންބަރުން ތިއްބަވާ ގުރޫޕްގައި އިއްޔެ ހަވީރުން ފެށިގެން ދަނީ ހޫނު ބަހުސްތަކެއް ހިނގަމުންނެވެ. ދޭތެރެ ދޭތެރެއިން އެ ގުރޫޕްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް އެކި މެސެޖް ޖައްސަވައެވެ. ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވެއެވެ.