މުހައްމަދު ނާޒިމް

ޓޫރިޒަމް ނެތް އަތޮޅުތަަކަށް ފުރުސަތު ދޭންޖެހޭ: ނާޒިމް

ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ފުރުސަތު ފަހިކޮށްދިނުމުގައި އެ ސިނާއަތް ނެތް އަތޮޅުތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ދަަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސްކަންވެސް ކުރައްވާ ނާޒިމް ވިދާޅުވީ ސަރުކާރުގެ އިސްލާހުތަކުން ރަނގަޅު ފައިދާތަކެއް ކުރާނެ ކަމަށާ ނަމަވެސް ބައެއް އިސްލާހުތައް އިތުރަށް ތަފްސީލުކޮށް ބައެއް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އިސްލާހުތަކުގައި ބުނާ ޖޮއިންޓްވެންޗާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގެ ކަންކަން ހިނގަން ވާނީ ފުރިހަމައަށް އިވެލުއޭޓް ކޮށްގެން ކަމަށާ އަދި ހަމަ އަގު ލިބޭ ގޮތަށް މެނުއީ ހިއްސާ ވިއްކާލެވިގެން ނުވާނެ ކަމަށެވެ. އަދި ތިންވަނަ ފަރާތަކަށް ހިއްސާ ވިއްކާލެވޭނެ ވާހަކަ ބުނެފައިވާއިރު އެއީވެސް ކޮމެޓީ މަރުހަލާގައި އިތުރަށް މަޝްވަރާކޮށް އިސްލާހު ކުރަން ޖެހޭ ކަމެއް ކަމެއް ކަަމަށެވެ.

"މި ބިލްގައި އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ ޖޮއިންޓްވެންޗާ ކުންފުނިތައް އުފައްދައިގެން ސަރުކާރުން ހެދިފައިވާ ކުންފުނިތަކުގެ ހިއްސާތައް ވިއްކާލުމުގެ ކަންކަން. އެނގިވަޑައިގަންނަވާނެ ފަދައިން މި ގޮތަށް ގެނެވޭ ބައެއް އިސްލާހުތަކުގެ ސަބަބުން ކަރަޕްޝަނަށް މަގުފަހިވާ ގޮތް އެބަ ދިމާވޭ. އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ވޭތުވެދިޔަ ސަރުކާރުން އެކިއެކި ގާނޫނުތަކަށް ބަދަލު ގެނެސް ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރެވިގެން ދިޔަތަން. އަޅުގަނޑު މިއަދު ނޭދެން މި ސަރުކާރުން މިފަދަ އިސްލާހުތައް ހުށައަޅައިގެން އެފަދަ ކަންކަމަށް މަގު ފަހިކޮށްދޭކަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބީލަމަށް ހުޅުވާލައިގެން އަގު ކަނޑައެޅުމުގެ ފުުރުސަތު އިސްލާހުތަކުން ދޭއިރު އެކަމުގައި ހަމަހަމަ އުސޫލެްއް އޮންނަން ޖެހޭ ކަމަށެވެ. އަދި ޓޫރިސްޓް ރިސޯޓްތައް ކުއްޔަށް ދެވޭ މުއްދަތާއި ގުޅޭ މާއްދާ އިތުރަށް ތަފްސީލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ތެރެއިން އެކި އަތޮޅުތަކުން ނެގޭ ކުލި ތަފާތު ކުރާނަމަ ޓޫރިޒަމް ނެތް އަތޮޅުތަކަށް އިސްކަންދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި ޓޫރިޒަމް ހިންގާ ދައުލަތަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށް ދިނުމަށް އެ ދާއިރާއިން ކުރި މަސައްކަތް ފާހަގަ ކުރައްވާފައެވެ. އަދި މިދިޔަ 50 އަހަރު ޓޫރިޒަމްގެ ދާއިރާގައި ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރެއްވިއެވެ.