ހުޅުމާލެ

ހުޅުމާލޭގައި ކާރު ޕާކްކުރަން ސްލޮޓް ކުއްޔަށް ދެނީ

Apr 20, 2022

ހުޅުމާލޭގައި ކާރު ޕާކް ކުރުމަށް ވަކި ސަރަހައްދުތަކަކު ސްލޮޓް ތަކެއް ކުއްޔަށް ދޭން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ކާރު ޕާކް ކުރުމަށް ސްލޮޓް ކުއްޔަށް ދޭން ނިންމާފައިވަނީ ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުން ކަމަށެވެ. އެގޮތުން ފެރީ ޓާމިނަލް ކައިރީގައި ވެހިކަލް ޕާކް ކުރަން ހަދާފައިވާ ސަރަހައްދުން 50 ސްލޮޓާއި މެގަމޯލް ކައިރީގައިވާ ޕާކިން ސަރަހައްދުން 20 ސްލޮޓް ކަމަށެވެ.

ޕާކިން ސްލޮޓް ކުއްޔަށް ދޫކުރާނެ ސަރަހައްދު ތަކެއް އިއުލާންކުރި ނަމަވެސް އެ ސްލޮޓްތައް ކުއްޔަށް ދޫކުރަން ނިންމާފައިވާ ގޮތާ ގުޅޭ ގޮތުން އެޗްޑީސީން އަދި މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ ކުރީކޮޅު ވެހިކަލް ބާއްވާނެ ގަރާޖެއް ނެތް ނަމަވެސް ވެހިކަލް ރަޖިސްޓްރީ ކޮށްދީފައވެ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުުޅުމާލޭގައި އެ މީހެއްގެ ނަމުގައި ދިރިއުޅޭނެ ތަނެއް ރަޖިސްޓްރީ ކޮށްފައިވާނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދޭ ގޮތަށް ވެސް ހަމަޖެއްސި އެވެ. ނަމަވެސް އެޗްޑީސީން ފަހުން އެ އުސޫލު ވެސް އުވާލި އެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ގިނަ އަދަދެއްގެ މީހުން އާބާދުވެ އެ އަވަށަށް މިހާރު ވަނީ ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ބޮޑުވާން ފަށާފަ އެވެ. އެހެންވެ ހުޅުމާލެއަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމަށް އެޗްޑީސީން ކޮންމެވެސް ވަރެއްގެ ހިފެހެއްޓުން ތަކެއް މިހާރު ގެންގުޅެ އެވެ.