(އާދީއްތަ ދުވަހުގެ ނޫހާ ގުޅޭ)
ނަވާލުގެ ވާހަކައަށް ރައްދު ދިނުމުގެ ގޮތުން ވާހަކަ ދެއްކީ ސައުންނެވެ.'' މި އެހާ އަވަހަށް ފޮޅުވޭ ވަރު މަލެއް ނޫން. އަދި ވެސް މިއުޅެނީ އާލިޔާ އެއްބަސް ނުވެގެން. މިކަން ފަސޭހައިން ކުރެވޭނެ ފަންޑިތައެއް ނަވާލު ހަދައިދޭން ވީނުން"
"މާބޮޑު ފަންޑިތައެއް ހަދާނެ ކަމެއްނެތް. ސައުން ކުރަންވިކަމަކީ ދެހެކިން ފޮނުވަންވީ .އާލިޔާ ކުރަން ޖެހޭނެ ކަމަކީ ރަން ކިޔުން އެހާ ހިސާބުން ތިޔަކަން އެއޮތީ ނިކަން އަވަހަށް ނިމިފަ،"
ނަވާލު އެހެން ބުނުމުން އާލިޔާ އަދި މާބޮޑަށް ލަދުގަތެވެ. އެންމެ ފަހުން އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. އާލިޔާ ތެދުވިތަން ފެނިފައި ސައުން އާލިޔާގެ އަތުގައި ހިފާ ގޮނޑިގައި ބޭންދިއެވެ.
"ސައުންނާއި އާލިޔާ ހަވާލު. ތިޔައީ މީހެއްގެ އަމާނާތެއް ސަލާމަތުން ގެއާ ހިސާބަށް ގެންގޮސް ދޭތީ މަ މިދަނީ،" ގުޑްނައިޓް އޭ ގޮވަމުން ނަވާލު އެތަނުން ހިނގައްޖެއެވެ.
ނަވާލު ދިއުމާއެކު އާލިޔާގެ އަތުގައި ހިފިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ.
"ކިހިނެއްވީ ދާން ތިޔަ އުޅުނީ. އާލިޔާ ގެ ހިތުގައި އޮތް އެއްޗެއް ފާޅު ކުރޭ. އެއްވެސް ކަމެއް މަޖުބޫރު ކޮށްގެން އަހަރެން ކުރާ ކަށް ނެތީން. އާލިޔާ އަހަރެންނާއި އިންނަން ބޭނުން ނުވަންޏާއި އެކަން ސާފުކޮށް ބުނޭ. އަހަރެންވެސް ބޭނުމެއްނޫން އާލިޔާގެ ހިތާ ދެކޮޅަށް ކަމެއް ކުރުވާކަށް. އަހަރެންގެ އުފުލަށް އާލިޔާގެ ހިތުގެ އުފާތައް ގުރުބާން ކުރާނެކަމެއް ނެތް. އާލިޔާ ލޯބިވާ އެހން މީހަކު ހުރި ނަމަ އެމީހަކާއި އިނަސް އަހަރެންގެ ޝަކުވާއެއް ނޯންނާނެ. އެކަމަކު އެހެން އެކަން ވެއްޖެ ނަމަ އަހަރެންގެ ހިތް ކުދިކުދިވާނެ. ދިރިހުރުމާ ދިރިއުޅުމުގެ ހުރިހާ އުއްމީދެއް މަރުވެގެން ދާނެ. އެކަމަކުވެސް އާލިޔާއަށް އުނދަގުލެއް ނުކޮށް ދިރި އުޅެން ހިތް ވަރު ކުރާނަން. އަބަދުވެސް އާލިޔާ އުފަލުގައި އުޅޭތަން މިދެލޮލުން ދެކެން ބޭނުން އެހާބޮޑަށް އަހަރެން އާލިޔާ ދެކެ ލޯބިވަން،" އާލިޔާގެ އަތުން ސައުން ދޫކޮށްލިއެވެ.
ސައުން އެހެން ބުނީ ހިތް ހަމަނުޖެހި އިނދެކަން އާލިޔާއަށް ފާހަގަ ކުރެވުނެވެ. ސައުންގެ އަތުގައި ހިފާ އާލިޔާ ބާރު ކޮށްލިއެވެ.
''އަހަރެން ސައުންނާއި ކައިވެނީ ނުކުރާކަށް ނޫން އެ ގޮތަށް ވާހަކަ ދެއްކީއެއް . ސައުން އެ ގޮތާ ހިތްހަމަ ނުޖެހޭނަމަ ސައުންނަށް ފެންނަ ގޮތަކަށް ކަންތައް ކުރުމާ މެދު އަހަރެން އިންކާރެއް ނުކުރަން. އެގޮތަށް ވިސްނައި ދޭން މަސައްކަތް ކުރީ ސައުންގެ ދެކުދިން ތިބީމަ އެކުދިންނަށް އެކުދިންގެ މަންމަ މުހިންމު ވާނެތީ. ސައުނާއި ނުލައި މިހާރު އަހަރެންނަށް ދިރިއުޅުމަކީ ދަތިކަމެއް. ލޯބިވެއޭ ބުނާކަށް މިހާރު ޖެހިލުމެއް ނުވަން. ދޮންމަންމަ އަކަށް ވާނެތީ އެކަމަކާއި ނުވިސްނަން. އަދި ވެސް ގަބޫލު ނުކުރެވެނީތަ އަހަރެން ލޯބިވާ ކަމަށް ހިތް ނަގާފައި ދެއްކެން އޮތް ނަމަ އަހަރެންވެސް ސައުންނަށް ދެއްކީމުސް. އެކަމަކު..."
"އެކަމަކު ކިހިނެއްވީ އާލިޔާ ބުނަން ބޭނުން އެއްޗެއް ބުނޭ."
ޝައުން އެހެން ބުނުމުން އާލިޔާ އިސްޖެހިއެވެ. އިރުކޮޅެއް ވަންދެން ވިސްނަން އިނެވެ. އެހެން އިނދެ ސައުންނާއި ހަތަރު ކަޅި ހަމަނުކޮށް ވާހަކަ ދެއްކި އެވެ.
"މިޝްކާ ވަރި ނުކޮށް ދެ އަނތްބަށް އިންނަންވީ ނު،" އާލިޔާ އެހެން ބުނުމުން ސައުންނަށް ލިބުނީ ސޮކެކެވެ. އާލިޔާގެ މަގުޞަދަކީ ކޮބައި ބާއޭ ހިތަށް އެރިއެވެ. އާލިޔާ އެ އުޅެނީ މިޝްކާއާއި ސައުން ގުޅުވަން ބާއޭ ހިތާ ހިތާ ސުވާލު ކުރެވުނެވެ.
''ތިޔައީ އާލިޔާ ހިތުގެ ފުން މިނުން ބުނާ ބުނުމެއްތަ. ނޫނީ މީހަކު މަޖުބޫރު ކޮށްގެން ބުނާ ބުނުމެއްތަ؟ ތިޔައީ އާލިޔާ އެދޭ ގޮތް ކަމަށް ވާނަމަ އެގޮތަށް ވެސް އަހަރެން މިހުރީ އާލިޔާ އާއި އިންނަން ގޮތަށް. އަހަރެން ބޭނުމީ އާލިޔާ" ސައުން އެހެން ބުނި އިރު ހިތުގައި އަޅަމުން ދިޔަ ވޭން އަލިޔާއަށް އެނގޭ ނަމަ އެފަދަ ކަމަކަށް މަޖުބޫރު ނުކުރީހެވެ. ވާހަކަތައްދާންފެށި މިސްރާބުން ސައުންގެ މޫޑު ގޮސްވަމުން ދިޔައެވެ. މިހާ ހިސާބުން މިރޭ ވަކިވުން ބުއްދިވެރި ކަމަށް ދެކުނެވެ.
މާބޮޑަށް ދަން ވާތީ ސައުން އެދުނީ ގެއަށް ދިއުމަށެވެ. އެންމެފަހުން އާލިޔާ ގޮވައިގެން ސައުން އާލިޔާގެ ގެއާ ހިސާބަށް ދިޔައެވެ.
'' އަހަރެން ހީކުރަން އަހަރެމެންގެ ގުޅުމާމެދު ރަނގަޅު ގޮތެއް ނިންމާނެ ކަމަށް" ސައިކަލުން އާލިޔާ ފައިބަން ފެށުމުން ސައުން ބުންޏެވެ. އާލިޔާ ސައުންގެ އަތުގައި އާލިޔާ ހިފުމަށް ފަހު ތޭންކުސް އޭ ބުނެ ގެއަށް ވަނެވެ.
އާލިޔާގެ އެ ހުށައެޅުން ސައުންނަކަށް ގަބޫލެއް ނުކުރެވުނެވެ. މިޝްކާ އަނތްބެއްގެ ގޮތުގައި އިންނަ ނަމަ އަނތްބެއްގެ ހުރިހާ ހައްޤެއް މިޝްކާއަށް ދޭން ޖެހޭނެއެވެ. ހަޤީގަތުގައި ސައުން މިހާރު މިޝްކާގެ ސޫރަ ވެސް ދެކޭކަށް ބޭނުމެއް ނުވެއެވެ. މިޝްކާ އަކަށް މާއާފެއް ނުކުރެ ވޭނެއެވެ. ކުރިން ވީ ލޯތްބެއް ނުވެވޭނެއެވެ. އާލިޔާއަކީ ހާދަ މޮޔަ ކުއްޖެކޭ ސައުން ހިތަށް އެރިއެވެ. އާލިޔާގެ އެ ވާހަކަތަކާއި މެދު ވިސްނާ ވިސްނާ މީހާ ހުރީ މޮޔަވާ ވަރު ވެފައެވެ. ހިތް އެދެނީ މިޝަކާއައި ވަކި ވުމަށެވެ. އާލިޔާ ބޭނުންވަނީ މިޝަކާއާއި ސައުން ގުޅުމަށެވެ. ކޮންމެ ގޮތެއް ހަދާފަވެސް ސައުން އާލިޔާ ބޭނުމެވެ.
ކުދިވެރިންގެ ކޮޓަރިއަށް ވަދެ ކުދިން ނިދިތޯ ބެލުމަށް ފަހު ސައުންގެ ކޮޓަރި ވަނެވެ. ކޮޓަރިއަށް ވަންއިރު މިޝްކާ ކޮޓަރީގައި އޮތްތަން ފެނުމުން ސައުންގެ ލޭގެ ހިނގުން އަވަސްވިއެވެ. މިޝަކާ ކޮޓަރިން ނެރެ ބޭރު ކުރުމުގެ ވިސްނުން އައެވެ އެހެން ނަމަވެސް ދެވަނަ ސިކުންތުގައި އާލިޔާގެ ވާހަކަތައް މަތިން ހަނދާންވެ މީހާ މައިތިރިވިއެވެ. އެތައް ސުވާލެއް އެއްފަހަރާ ކުރިމަތި ވަމުން ދިޔައެވެ. ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ފުރަތަމަ އެއްޗެކޭ ނުބުނެ ދިޔަ ގޮތަށް ގޮސް އެއްޗެހި ބަދަލު ކުރިއެވެ.
''އާދޭސްކޮށްފައި ބުނަން އަހަރެން ވަރި ނުކޮށް ސައުން ބޭނުން މިހަކާއި އިނދޭ އަހަރެންނާއި ކުދިންނާއި ދެމެދުގައި މިވާ މައިވަންތަ ކަމުގެ ގުޅުން ކެނޑުނަ ނުދީ. ހެޔޮ ނުވާނެ" ކުދިންގެ ކޮޓަރިއަށް ނިދަން ދިއުމަށްޓަކައި ބާލީހެއް ނަގަން އެނދު ކައިރިއަށް ދިޔަ ތަނުން ސައުންގެ އަތުގައި މިޝްކާ ހިފެހެއްޓިއެވެ. މިޝްކާ ރޮމުން ދައްކަމުން ދިޔަ ވާހަކަތަކުން ސައުން ހައްތާ ހާސްވެ ކަންބޮޑު ވަމުން ދިޔައެވެ. މިޝްކާ ސައުންގެ އަތުން ދޫކޮށްލަމުން އެއްކަލަ އަނގޮޓި ލައިފައިވާ ފޮށި ސައުންގެ އަތަށް ލައިދިނެވެ.
"ތިއީ ސައުންގެ ޖީބުން އަހަރެންގެ ކޮޓަރިއަށް މިރޭ ވެއްޓިފައި އޮތް އެއްޗެއް'' މިޝްކާ އެއަނގޮޓި ސައުންގެ އަތަށް ދިނުމުން ކުޑަކޮށް ސައުން ހައިރާން ވާގޮތް ވިއެވެ. އެހެން ނަމަވެސް މިޝްކާ އެ ބުނީ ތެދެކެވެ. ދަރިފުޅާއެކު އެކޮޓަރިއަށް ވަދެގެން އުޅުނު އިރު ދަރިފުޅު ޖިންސުގެ ޖީބަށް އަތްލީ ހަނދާން ވިއެވެ. އެންމެ ފަހުން އާލިޔާގެ ވާހަކަތަކާއި މިޝްކާގެ އެ ޝަކުވާތަކާ މެދު ވިސްނުމަށް ފަހު ކުދިންގެ ހައްޤުގައި މިޝްކާ ވަރި ނުކުރަން ނިންމިއެވެ.
މިޝްކާ އަށް ސާފުކޮށް އޭނަގެ މަޤުޞަދު ހާމަކުރިއެވެ. މިޝްކާއަށް ފުރަގަސް ދިނުމަށްފަހު ސައުން ވާހަކަ ދައްކަން ފެށި އެވެ.
''މިޝްކާގެ ރުހުން އަހަރެން މީހަކާއި އިންނާކަށް ބޭނުމެއް ނުވާނެ. އަހަރެން ބޭނުން ނަމަ މިރޭވެސް މިޝްކާ ވަރި ކުރެވިދާނެ. އެކަމަކު މިހާ ތަނަށް ވެސް މަޑު ކުރީ ކުދިންނަށް ޓަކައި. އަހަރެން ވަރަށް އަވަހަށް އާލިޔާ އާއި ކައިވެނި ކުރާނަން. އާލިޔާ ބޭނުމެއް ނުވި މިޝްކާ ވަރި ކުރާކަށް އެހެންވީމާ މާދަމާ އަހަރެން ވަރިކުރަން ލީ ފޯމް ބާޠިލު ކުރާނަން އެކަމަކު އޭގެ މާނައަކީ އަހަރެން މިޝްކާއަށް މައާފް ދިން ކަމަށް ދެކެގެން ނުވާނެ. އަހަރެންގެ ވަރަށްބޮޑު އެދުމެއް، ކުދިންގެ ކުރިމަތީގައި ރޮއި ނުހެދުން'' އެހެން ބުނުމަށްފަހު ބާލިސް ހިފައިގެން ކުދިންގެ ކޮޓަރިއަށް ސައުން ވަދެއްޖެއެވެ.
މިޝްކާ މިހާރު އެރޮނީ ދެރަ ވެގެންނެއް ނޫނެވެ . އުފަލުންނެވެ. ސައުން މިޝްކާ ވަރި ނުކުރާނެކަން އެނގުމުން ﷲގެ ކިބަފުޅަށްޝުކުރުއަދާ ކުރިއެވެ. އަދި ދެވަނަ ފަހަރަށް ހަޔާތުގައި އެފަދަ ކުށެއް ތަކުރާރު ނުކުރަން އަޒުމު ކަނޑައެޅިއެވެ. އަދި އާލިޔާއަށް ޝުކުރުވެރި ވާނެ ގޮތަކާމެދު ވިސްނިއެވެ. މިޝްކާގެ ވިސްނުން ހުރި އާލިޔާއާއި ގުޅިގެން އެކުވެރި ހަޔާތެއް ވޭތު ކުރުމަށެވެ.
ހެނދުނު އޮފީހަށް ދިޔަ ގޮތަށް ސައުން އާލިޔާ އައި ބައްދަލު ކުރިއެވެ.
''އާލިޔާގެ އެދުމުގެ މަތިން މީޝްކާ ވަރިނުކޮށް އާލިޔާ އާއި އިންނަން ނިންމައިފިން. އަހަރެން ރޭގައި ވަރަށް ވިސްނިން މިހާރު ހެޕީތަ؟" އެހެންބުނެ އާލިޔާގެ ކޮލުގައި ހިފާލިއެވެ. އާލިޔާ ހިކި ހިނިތުން ވުމާކާ އެކު އުފާވެރިކަން މޫނު މަތިން ފާޅު ކުރިއެވެ. ސައުންގެ ވިސްނުން ބަދަލު ކުރެވުނީ ތީ ހިތް ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވުމަށްފަހު ކައިވެނި ކުރާނެ ރަނގަޅު ތާރީޚެއް ކަނޑައެޅިއެވެ.
އޮފީސްނިމިގެން ގެއަށް ގޮސް އާއިލާއަށް ކައިވެނީގެ ޚަބަރު އާލިޔާ ދިނެވެ.
"މިހާރު މިޝްކާ ސައުން ވަރި ކުރީތަ" އެވަގުތު މަންމަ ބުންޏެވެ.
"ނޫން މަންމާ ސައުން ބޭނުން ވަނީ އާލިޔާ ވަރިކޮށްފައި އަހަރެންނާއި އިނުމަށް .އެކަމަކު އެހެން ހަދައިފި ނަމަ ބޮޑުވަމުން އަންނަ ސައުންގެ ދެކުދިން އަހަރެންނަށް ނަފުރަތު ކުރާނެ. އެކުދިންގެ މަންމަ ކިތަންމެ ގޯސްކަމެއް ކޮށްފަ އޮތް ނަމަވެސް އެމީހުން ދެކޭނީ އެކުދިންގެ އާއިލާ ރޫޅާލުމުގައި ހުރިހާ ނުބައެއް ކުޅުނީ އަހަރެން ކަމަށް. ވީމާ އަހަރެން ނޭދެން އެކުދިންގެ ބަދު ދުޢާގެ ޝިކާރައަކަށް އަހަރެން ވާކަށް."
އާލިޔާގެ މިވާހަކަ ތަކާ މަންމަ އަކަށް ގަބޫލެއް ނުވެވުނެވެ. ދޮށީ އަނބި ވަރި ނުކުރާ ނަމަ ފިރި މީހާ ބޮޑަށް ގާތް ވާނީ ކުދިންގެ މަންމައާއިއެވެ.
"ތިޔަ ކައިވެނި ތިޔަ ގޮތަށް ކުރާކަށް މަންމަ ހިތްހަމައެއް ނުޖެހޭ. ހިއެއް ނުވޭ އާލިޔާގެ ބައްޕަ ވެސް ތިޔަ ގޮތަށް ގަބޫލު ވާނެ ހެންނެއް" އެހެން ބުނި ތަނުން ބައްޕަ އައިސް ދެމައިން ހާދަ އޮލަ ދުވަހެކޭ ބުނެފައި ދުފާ ތަށި ހިފައިގެން ސޯފާގައި އިށީނެވެ. އާލިޔާ އިނީ ކަންބޮޑު ވެފައެވެ. މަންމަ ނުރުހޭކަން އެނގުމަށް ވުރެ ބައްޕަ ދޭނެ ޖަވާބެއް ނޭނގޭތީއެވެ.
"ކިހިނެއްވީ ދަރިފުޅާ މިއަދު އޮފީހުންއައި ގޮތަށް ހެދުން ވެސް ބަދަލު ނުކޮށް ތިޔަ އިނީ މިހާރު ކެއީތަ"
"އާލިޔާ އެކިޔަނީ ސައުންނާއި އިންނަ ވާހަކަ އެކަމަކު ދެއަނތްބަށް''
''އެއީ ސައުން ބޭނުންވި ގޮތްތަ؟ ނޫނީ ދަރިފުޅު ބޭނުންވި ގޮތްތަ؟"
"އެއި ސައުން ބޭނުންވި ގޮތެއް ނޫން .ސައުން ބޭނުން ވަނީ ކުދިންގެ މަންމަ ވަރިކޮށްފަ ކައިވެނި ކުރަން އެގޮތާ ގަބޫލު ނުވީ އަޅުގަނޑު.
ބައްޕަ؛ ތީގައި ތިޔަ ގޮތަށް ދަރިފުޅު ނިންމީ ރަނގަޅު މަޤުޞަދެއްގައި ނަމަ އެގޮތާ ބައްޕަ އިން ކާރު ކުރާކަށް ނެތިން. އެކަމަކު..."
''ކިހިނެއްވި ބައްޕާ!" ބައްޕަ މިބުނީ މިހާރު ދަރިފުޅުދެކެ އިންތިހާ ލޯބި ވިޔަސް ކުދިންގެ މަންމައަށް ސައުން ނަފުރަތު ކުރިއަސް ފަހުން އެ އުފެދޭ ގުޅުމުން ދަރިފުޅަށް ދެ ހިތާމަ އުފުލަން ޖެހުމަކީ ފަހަރުގައި ވެދާނެ ކަމެއް. އެހެން ވާކަށް ބައްޕަ ނޭދެން. ދަރިފުޅު ސައުން ދެކެ ލޯބިވަންޏާ، ސައުންނަށް އިތުބާރު ކުރެވެންޏާ ކައިވެނި ކުރުން މަނާކުރާ ކަށް ބައްޕަ ނުވިސްނަން"
ދެފަރާތުން ވާހަކަ ދެކެވި ކަނޑަ އެޅުނު ތާރީޚުގައި ޑިސެމްބަރ އެއްތިރީހުގައި ސައުންނާއި އާލިޔާގެ ކައިވެނި ކުރެވިއްޖެއެވެ. މާބޮޑު ޕާޓިއެއް ބާއްވާކަށް އާލިޔާ ބޭނުމެއް ނުވިއެވެ. އަބަދުވެސް ސާދަ ގޮތެއް ހުންނަ އާލިޔާ ބޭނުންވީ ހަމައެކަނި ކައިވެނި ކުރެވުނު ވަގުތު ވަލީމާގެ ބައިވެރިންނާއި އޮފީސް ކުދިން ހިމެނޭ ގޮތުން ކުޑަ ސައެއް ބޭއްވުމަށެވެ. އެއި އާލިޔާ ބޭނުންވާ ގޮތް ކަމަށްވާތި އެގޮތާ ސައުން ގަބޫލުވިއެވެ. ކައިވެނީގެ ހުރިހާ ކަމަކުން ނިމިގެން އާލިޔާގެ އެއްޗެއްސާއި އެކު ގެއިން ދާން ހިނގައިގަތް ވަގުތު ސައުންގެ އަތުގައި އާލިޔާގެ ބައްޕަ ހިފިއެވެ.
'' ސައުންނާއި މިހަވާލު ކުރީ އަހަރެންގެ ވަރަށް ބޮޑު އަމާނާތެއް . މިދަރިފުޅު ހިތުގައި ޖެހޭނެ ގޮތަކަށް ކަންތައް ކޮށްފި ނަމަ ދުވަހަކުވެސް އަހަރެމެން މާއާފް ނުކުރާނަށް. އެނބުރި މިގެއަށް އާލިޔާ އައުމަށްފަހު ދެވަނަ ފުރުޞަތެއް ސައުންނަށް ނުލިބޭންކަން ހަދާން ކުރާތި. މިހެން މިބުނީ ހިތް ހަމަނުޖެހިއެއް ނޫން ބައްޕަޔަކު ބުނަން ޖެހޭނެ އެއްޗަކަށް ވާތީ. މިދެއްކި ވާހަކަތަކާއި މެދު ހިތްބަރު ނުކުރާނެ ކަމަށް ހިކުރަން" އެހެން ބުނެ ސަލާމްކޮށްލިއެވެ. އާލިޔާވެސް ގޭއެންމެނާއި ސަލާމް ކުރުމަށް ފަހު އުޅެ ބޮޑުވި ގެއިން އެންމެފަހުގެ ފިޔަވަޅުތައް އަޅަމުން ނުކުމެގެން ސައުންނާއި އެކު ދިޔައެވެ. ކާރަށް އެރިތަނުން އާލިޔާގެ އަތަށް ސައުން ދިއްކޮށްލީ ދެ ޓިކެޓެވެ. (ނުނިމޭ)