ކާނާ

ކަށިކަވާބު ވަރަށް މީރުތަ؟

ކަވާބުގެ އެކިވައްތަރުތައް ހުންނައިރު ގިނަ ދިވެހިންނަށް ކަމުދަނީ އާދައިގެ މަސްހުނީގައި ތައްޔާރު ކޮށަފައި ހުންނަ ކަވާބެެވެ. މުގު ކަވާބުގެ އިތުރުން ދެން އެންމެ ގިނައިން ފެންނަނީ ހިކިމިރުސް އަޅައިގެން ތެއްލާފައި ހުންނަ ކަވާބެވެ. ރަށްފުށުގައި ކަވާބަށް އެކި ނަންތައް ކިޔައެވެ. މިއީ މާލެ އަތޮޅުގެ ރަށެއްގެ ތަފާތު މީރު ރަހައެއް ހުންނަ ކަވާބެއްގެ ރެސިޕީއެކެވެ.

ބޭނުން ވާނެ ބާވަތްތައް

1 ބޮޑު ފިޔާ ކުދިކޮށް ކޮށާފައި
3 ހިކިމިރުސް ތެއްލާފަ ނޫނީ ފޮޅިކޮށްފައި
ހިކަނދިފަތް ކޯޅިއެއް ކުދިކޮށް ކޮށާފައި
ބައި އިންޗި ހުންނަހާ އިނގުރު ކޮޅެއް
4 ލޮނުމެދު ޗިސްކޮށްލާފައި
1 ތެޔޮމަސްދަޅު
1 ޖޯޑު ފުށް (އާދާއިގެ)
2 ސައިސަމްސާ މުގުރި ހިކިމަސް
ބައިޖޯޑު ކާށި ހުނި
1 ޖޯޑުފެން
ކުޑަ ރީނދޫކޮޅެއް
1 އާދައިގެ ލުނބޯ
ކުޑަ ސަމްސަލެއްގެ އަޖިނަމޮޓޯ
ލޮނު
ތެޔޮ

ތައްޔާރު ކުރާނެ ގޮތް

ފިޔާ، މިރުސް، ހިކަނދިފަތް، އިނގުރު، ލޮނުމެދު، އަޖިނަމޮޓޯ. ރީނދޫ މި ހުރިހާ އެއްޗެއް ތައްޓަކަށް އެޅުމަށް ފަހު ލުނބޯ ފިތާލައިގެން މޮޑެލާށެވެ. އެއަށް ފަހު ކާށި ހުނި އަދި މަސްދަޅު އަޅައިން ރަނގަޅަށް މޮޑެލާށެވެ. (މަސްދަޅުގައި ހުންނަ ތެލުގެ ދެބައި ކޮށްފައި އެއްބައި އުކާލަން ވާނެ) ހުރިހާ އެއްޗެއް ރަނގަޅަށް މޮޑެވުމުން އޭގެ ތެރެއަށް ފުށްއެޅުމަށް ފަހު ފެން އަޅައިން މޮޑެލާށެވެ. ފެން އަޅަން ވާނީ މޮޑުނު މަސްހުނިިގަނޑު އެހާބޮޑަށް ދިޔައި ނުވާ ވަރު ބަލައިގެނެވެ. ފެން ނާޅާ މަސްހުނި މޮޑެފިނަމަ ތެއްލާއިރު ކަށިފަޅާފައި ހުންނަ ގޮތަށް ކަވާބުތައް ނުހުންނަނެ އެވެ.

އެންމެ ފަހުން އަޅާނީ މުގުރި ހިކިމަސް ކޮޅެވެ. އަލުން ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު ތެޔޮ އެތި ރަނގަޅަށް ހޫނުވުމުން އަތުގައި ފެން ލުމަށްފަހު ގުޅަ ނުވަށާ ތެޔޮގަނޑުގެ ތެރެއަށް ކަވާބުތައް އިނގިލިން ފިތާލީމަ ހުންނަ ގޮތަށް އަޅާ ތެއްލަމުން ގެންދާށެވެ. ބެނުން ވަރަކަށް ކުޅި ބަހައްޓައް އިތުރަށް މިރުސް އެޅިދާނެ އެވެ.

ވަކިވަރަކަށް ތެއްލެވުމުން މެދު ގިނީގައި ބަހައްޓައިން ތެއްލާށެވެ. އޭރުން މުރަނަ ކަމެއް ހުންނާނެ އެވެ. ހޫނުކޮށް ހުއްޓާ މަތިޖެހި އެެއްޗެއްތެރޭ ބަހައްޓައިފިއްޔާ ވަކަ ވާނެ އެވެ. ވީމާ އެކީ ހިހޫ ވަންދެން މަތި ނުޖަހާ ބަހައްޓާށެވެ. ރީތިކޮށް މުށި ކުލައެއް އަރަންދެން ތެއްލުމަށް ފަހު ނަގައި ޓިޝޫ އެެއްމަތީ ބަހައްޓާށެވެ.