ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް ހަމަލާ ދޭން ފެށުމާއެކު ވެރިރަށް ކީޔެވް ދޫކޮށް ދިއަ މީހުން އެނބުރި އެ އަވަށަށް ދާން ފަށައިފި އެވެ. ކިޔެވްގެ ރައްޔިތުން އަމިއްލަ ގެއަށް ދާން ފެށީ އެ ސަރައްދުގައި ހަމަލާތައް ހުއްޓާލުމާ ގުޅިގެންނެވެ.
ކީޔެވްގެ މޭޔަރު ވިޓާލީ ކުއިޗްކޯ ވިދާޅުވި ގޮތުގައި އަވަށުން ފައިބައިގެން ދިޔަ މީހުންގެ ތެރެއިން ބޮޑުބައި މިހާރު ތިބީ އަވަށުގަ އެވެ. އޭނާ ވިދާޅުވީ އަވަށުގެ އާންމު ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މިހާރު ވެސް ކިޔެވްގައި 2.1 މިލިއަން މީހުން އެބަ އުޅޭ އެވެ. އަދި ރައްކާތެރި ތަންތަނަށް ދިޔަ މީހުން އަލުން އަންނަން ފެށުމުން އަވަށަށް ދިރުން އެބަ އާދެ އެވެ.
ކީޔެވް މިހާރު ވެސް އޮތީ ހަނގުރާމައިގެ މައިދާނެއް ގޮތުގައި ކަން އެނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކީޔެވްއަށް ކޮންމެ ވަގުތެއްގައި ވެސް މިސައިލް ހަމަލާއެއް އަރާފާނެ އެވެ. އެހެންކަމުން، ރައްކާތެރި ތަންތަނުގައި ތިބި މީހުން ރައްކާތެރި ވަގުތުތަކުގައި ނޫން ގޮތަކަށް ބޭރަށް ނުކުމެ ނޫޅުމަށް އޭނާ ނަސޭހަތްތެރިވެ އެވެ.
ކުއިޗްކޯ ވިދާޅުވި ގޮތުގައި ހަމަޖެހޭ ތަންތަނުގައި ދިރިއުޅުމަށް ފުރުސަތު ލިބިފައި ތިބި މީހުން އަވަސް އަރުވާލައިގެން ކީޔެވްއަށް ދިއުން ބުއްދިވެރިއެއް ނޫނެވެ. ހާލަތު ރަނގަޅު ނަމަ ތިބި ތަންތަނުގައި ތިބުން އެދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި އާންމުންނަށް ބޭނުންވާ ވަސީލަތްތައް ފަސޭހަކޮށް ދެއްވާނެ ކަމަށެވެ. އެކަމަށް އަދި ވަގުތު ނަގާނެ ކަމަށާއި ދަތުރުފަތުރު ވެސް ފަސޭހަ ކޮށްދެއްވާނެ ކަމަށެވެ.
ކީޔެވްގެ މަގުތައް އަދި ހުރީ އާންމު އުޅަނދުތަކަށް ބަންދު ކޮށްފަ އެވެ. މޭޔަރު ވިދާޅުވި ގޮތުގައި ބްރިޖްތައް ވެސް މިވަތު ހުރީ ބޭނުން ކުރެވޭ ގޮތަކަށް ނޫނެވެ.
ހައިވޭތައް ބޮޑެތި ކޮންކްރީޓް ބްލޮކްތަކުން ބަންދުކޮށްފައި ހުރީ ރަޝިއާ ސިފައިން ފައިބައިގެން ދިއަކަން އަދި މުޅިން ސާފު ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ސަރަހައްދުތައް އާންމުންނަށް ރައްކާތެރި މިންވަރު ބަލައި ހުޅުވަމުން ގެންދާނެ ކަމަށެވެ.