އެމްޑީޕީގެ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް ދުނިޔެއަށް އަންގައިދިނުމަށް އެންމެ އިސް ދައުރެއް އަދާކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަމުން ގެންދަވާ އިމްތިޔާޒް ފަހްމީ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ބޭއްވި އިމްތިޔާޒު ފަހްމީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ ދަތި އުދަނގޫ ދުވަސްތަކެއްގައި އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނަވައިގެން އެމްޑީޕީއަށްޓަކައި އިމްތިޔާޒު މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ކުރެއްވި އެންމެ ހާއްސަ ކަމަކީ ދުނިޔެއަށް އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ރާއްޖޭގައި ހިންގާ ނަމޫނާ ޕާޓީއެއް ކަން އަންގައިދިނުމުގެ މަސައްކަތް ކަމުގައި ވިދާޅުވި އެވެ.
"އަދި ދިވެހިރާއްޖޭގެ ރައްޔިތުން ފަހުރުވެރިވާ ސިޔާސީ ޕާޓިއެއްކަން މުޅި ދުނިޔެއަށް އަންގަދިން ބޭފުޅަކީ ވެސް އިމްތިޔާޒު،" ޝިފާޒު ވިދާޅުވި އެވެ.
އައްޑޫގައި ހުންނަ ރައީސް މުހައްމަދު ނަޝީދުގެ އޮފީސް ކުރިމަތީގައި ބޭއްވި ޖަލްސާގައި ޝިފާޒު ވިދާޅުވީ ކުރިއަށް ދަނީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ވާތީ މެންބަރުން ގުޅިގެން ކުރާ މަސައްކަތުން އިމްތިޔާޒު ރީތިކޮށް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"ވަކި އިމްތިޔާޒު ފަހްމީ އަށް ވުރެ މިޕާޓީގެ އަސާސްތައް ހިފަހައްޓަމުން މި ޕާޓީގެ މެންބަރުންގެ އިހްސާސްތައް ދެނެވަޑައިގަންނަވަމުން މިޕާޓީއާ އެކީ، މި ޕާޓީވީ ކޮންމެ ހާލެއްގައި އެމަސައްކަތުގައި ދެމިހުންނެވި ބޭފުޅެއް ހަމަގައިމުވެސް އަޅުގަނޑުގެ މި ސިޔާސީ ހަޔާތުގައެއް ނުދެކެން،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ އިމްތިޔާޒު ފަދަ އެމްޑީޕީ އަށް އިހްލާސްތެރި އަދި އެމްޑީޕީއަށް ހިދުމަތްތެރި ބޭފުޅަކު އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައި ވަނިކޮށް އިމްތިޔާޒަށް ފުރުސަތު ނުދިނުމުގެ ވިސްނުމެއް އެއްވެސް ބޭފުޅެއްގެ އޮތް ނަމަ އެ ބޭފުޅެއްގެ ވިސްނުމުގައި މައްސަލަ އުޅޭ ކަމަށެވެ. އެމްޑީޕީ އަށް އިމްތިޔާޒު ފަދަ ތެދުވެރި ގާބިލް ބޭފުޅަކު ނުލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.
އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު އިމްތިޔާޒުއާ އެކު ޗެއާޕާސަން މަގާމަށް ވާދަކުރައްވަމުން ގެންދަވަނީ މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. ދެ ބޭފުޅުންގެ ކެމްޕޭން ވަރަށް ބޮޑަށް ޒާތީވެ އެއް ޓީމުން އަނެއް ޓީމަށް ގެންދަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރަމުުންނެވެ.