ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެމްޑީޕީން ވަކިވެވަޑައިގެންފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ މެންބަރު ޣަފޫރު އިދިކޮޅު ޕީއެންސީގެ މެންބަޝިޕް ފޯމެއްގައި ސޮއި ކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާންމުކުރެއްވުމާ ގުޅިގެންނެވެ.
ޝިފާޒުގެ ޕޯސްޓްގައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކޮށް ނިމޭއިރު އެމްޑީޕީގެ މިހާރުގެ ލީޑަޝިޕާއެކު ކިތައް މެމްބަަރުން ތިބޭނެތޯއޭ ވިދާޅުވެ ސުވާލު ވެސް އުފައްދަވާފަ އެވެ.
ޕީއެންސީގެ މެންބަޝިޕް ފޯމެއްގައި ޣަފޫރު ސޮއިކުރައްވާއިރު އަރިހުގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައިވެސް ޣަފޫރުގެ އަރިހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.
ޣަފޫރުގެ މި ފޮޓޯއާ ގުޅިގެން އަވަސް އިން ސުވާލުކުރުމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ ޣަފޫރަކީ އެމްޑީޕީއަށް ވަފާތެރި މެންބަރެއް ކަމަށެވެ. އޭނާ އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށް އަދި އެއްގޮތަކަށްވެސް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"ދެން ސޯޝަލްމީޑިއާގައި ތިއުޅޭ ފޮޓޯ އަޅުގަނޑުވެސް ދެކެފިން. އަޅުގަނޑަށް އެ ފޮޓޯގައި ފެންނަނީ ކޮންމެވެސް ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވާތީ އެ މީހެއްގެ ހެކިވެރިޔާގެ ގޮޅީގައި ޣަފޫރު ސޮއި ކުރައްވާ މަންޒަރު،" ރައީސް އޮފީހުގެ މިނިސްޓަރު ކަންވެސް ކުރައްވަމުން ގެންދަވާ އިބްރާހީމް ވަހީދު އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޣަފޫރު ފާހަގަކުރެވެނީ އެމްޑީޕީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދިފާއުގައި އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާ މެންބަރުގެ ގޮތުގައެވެ.
ޣަފޫރުގެ ފޮޓޯއާއި ގުޅިގެން އޭނާއަށް އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް އަވަސް އިން ގުޅި ނަމަވެސް އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.