މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އިކޮނޮމިކް މިނިސްޓްރީން ދެ ކުންފުންޏަކާ އެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކަށް

Apr 21, 2022

މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީއާއި އެޗްޑީސީއާ އެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު އެވެ. އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމު ސޮއި ކުރައްވާފައިވާއިރު އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް އެވެ.

އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 100 ބައިވެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ. މި ޕްރޮގްރާމު ފުރިހަމަ ކުރާ ބައިވެރިންނަށް އެމީހުން ޕްރޮގްރާމު ފުރިހަމަ ކުރާ ދާއިރާ އަކުން ނެޝަނަލް ލެވަލް ތިނެއްގެ ސެޓްފިކެޓެއް ދިނުމަށް އެޗްޑީސީން ނިންމާފައިވެ އެވެ.

"މި ކޯޕަރޭޝަންގެ އަމާޒަކީ ކުރިމަގުގައި ވީހާވެސް ގިނަ ހިދުމަތްތެރި ފަންނީ ޒުވާނުން ބިނާކޮށް މަސައްކަތުގެ މާހައުލަށް ނެރުން ކަމުގައި މިފުރުސަތުގައި ފާހަގަކުރަމެވެ." އެޗްޑީސީން ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ހާޒިރީ ރިޕޯޓާއި މަސައްކަތް ކުރާ ގޮތުގެ ރިވިއު ރިޕޯޓެއް ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓެއް ދިނުމަށް އެމްޓީސީސީން ވެސް ނިންމާފައިވެ އެވެ.