ރައީސް މުހައްމަދު ނަޝީދު

މެންބަރުން ރައްދު ދެއްވާތީ ނަޝީދު ކޯފާވެއްޖެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދަށް އަމާޒު ކުރައްވާ ބައެއް މެންބަރުން ރައްދު ދެއްވާތީ އެކަމާ އެމަނިކުފާނު ކޯފާވެއްޖެ އެވެ.

މި ހަފްތާ ފެށުނީއްސުރެ އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގުރޫޕް ފެންނަނީ ވަރަށް ހޫނުކޮށެވެ. ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ދެ ފެކްޝަންގެ ޒުވާބު ވަނީ އިތުރަށް ހޫނުވެފައެވެ. ދާދި ފަހުން އައްޑޫގައި އޮތް ބައްދަލްވުމެއްގައި އައްޑޫ މަސް ފެކްޓްރީތައް ނުހެދި ލަސްވުމުގެ ޒިންމާ ސަރުކާރުގެ ބޮލުގައި އަޅުވާ މެންބަރު އިލްޔާސް ލަބީބް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ނަޝީދުގެ ކޮއްކޮ އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން ސާބެގެ ރިޔަން ކުންފުންޏާއެވެ. އައްޑޫ މަސް ފެކްޓްރީތައް ނުހެދި ލަސްވާ ސަބަބު ގައުމީ މަޖިިލީހުގެ މެންބަރުންނަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ނާއިބު ލީޑަރު އަދި ހެންވޭރު ތަމްސީލް ކުރައްވާ މެންބަރު ހުސައިން ވަނީ ސާފުކޮށް ދެއްވާފައެވެ.

ހުސައިން ވިދާޅުވީ މަސްފެކްޓްރީ ލަސްވާ ވާހަކަ ދައްކަވަން އިލްޔާސް ލަބީބް ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އެ މަސައްކަތް ލަސްވަނީ އެކަން ނުކުރެވޭ ވަރުގެ ބަޔަކާ ހަވާލު ކުރުމުން ކަމަށާ އެއީ ސާބެގެ ރިޔަން ކުންފުނި ކަމަށެވެ. ހުސައިންގެ ވާހަކަތަކަށް އައްޑޫ ތަމްސީލް ކުރައްވާ މެންބަރު ނިހާދު ވަނީ ތާއީދު ކުރައްވާފައެވެ. ނިހާދު ވިދާޅުވީ އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހެދުން ވެސް އޮތީ ރިޔަން ކުންފުންޏާ ހަވާލުކޮށްފައި ކަަމަށާ އެ މަސައްކަޔްވެސް ފޮނުވާލީ ޖައްވަށް ކަމަށެވެ.

ދެ މެންބަރުންގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. ވިދާޅުވީ "ގާތް މީހުންނަށް ބައި އަޅަން ހަދައިގެން މިތިބީ ބޮޑި ބޮއިފައި" ކަމަށެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ފުރަތަމަ ރައްދު ދެއްވީ ނިހާދު އެވެ. ނިހާދު ވިދާޅުވީ އީވާގެ ފިރިކަލުންގެ ކުންފުންޏަށް މަސް ފެކްޓްރީ ޕްރޮޖެކްޓް ހަވާލުކުރީ އިލްޔާސް ލަބީބުގެ އެދުމަކަށް ކަމަށާ ނަޝީދު ވިދާޅުވާ ވާހަކަފުޅު ރަނގަޅު ކަމަށެވެ. އަދި ޕްރޮޖެކްޓް "އޮޅާލުމުން" މަސްފެކްޓްރީ ވައުދު އަތަށް ގޮވައިފި ކަމަށެވެ.

އެ މޭރުމުން ނަޝީދަށް ރައްދު ދެއްވުމުން އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފައެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ރައްދު ދޭން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"ނިހާދު، އަޅުގަނޑު ގާތުގައި ފާޑުފާޑުގެ ވާހަކަ ތިޔަ ދައްކަވަނީ މިކަން [އައްޑޫ މަސްފެކްޓްރީތައް ހެދުން] ވީގޮތް އޮޅިގެނެއް ނޫޅެއް. ނިހާދުއަކަށް ނުޖެހޭނެ އަޅުގަނޑަށް ރައްދު ދޭކަށް،" ކޯފާ އިސްކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވުމުން އެހެން މެންބަރަކު އަނެއްކާވެސް ރައްދު ދެއްވިއެވެ. މިފަހަރު ރަައްދު ދެއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލެވެ. އިސްމާއީލް ވަނީ އަބުރާއި އިއްޒަތް އޮތްް ހަމައެކަނި ބަޔަކީ މާލެ އާއި މާލެ ކައިރި ރަށްރަށުގެ ބޮޑުތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީއަށް އިހުލާސްތެރި އެތައް މަސައްކަތްތަކެއް ކޮށްދިން ބޭފުޅުން ވަގުނަށް ހަދާ ވަކި ބަޔަކަށް ވަގުންގެ ތީރު އަމާޒުކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ.

މިދިޔަ 16 އަހަރު އެމްޑީޕީގެ ތެރެއިން ނަޝީދަށް އަމާޒުކޮށް ބަހުގެ ހަމަލާ ދެއްވާފައިވަނީ ވަރަށް މަދު ބޭފުޅުން ކޮޅެކެވެ. އެ ބޭފުޅުންވެސް ފަހުން ކޮންމެވެސް ގޮތަކުން އެ ޕާޓީއާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައިވެއެވެ. ނަމަވެސް މި ފަހުން ނަޝީދުގެ ކޮންޓްރޯލް މުޅި ޕާޓީން ވަނީ ގެއްލިފައެވެ. ގައުމީ މަޖިލިހާއި ރައްޔިތުންގެ މަޖިލީހުގައިވެސް ނަޝީދުގެ ވިސްނުންފުޅަށް މި ފަހުން އެއްވެސް ކަމެއް ނިމިފައެއް ނުވެއެވެ.